ވެސްޓް ބްރޮމް އަތުން ޔުނައިޓެޑް ބަލިވެ ސިޓީއަށް ޗެމްޕިއަންކަން ކަށަވަރުވެއްޖެ

ޔުނައިޓެޑް ބަލިވުމުން މެންޗެސްޓަރ ސިޓީއަށް ވަނީ ޕްރިމިއަރ ލީގު ކަށަވަރު ވެފައި-- ފޮޓޯ: ބީބީސީ ސްޕޯޓްސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ، މެންޗެސްޓަރ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އަތުން އެޓީމު ބަލިވުމުން، މެންޗެސްޓަރ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.

ވެސްޓް ބްރޮމް އަތުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލީގު ތާވަލުގެ ދެވަނައިގައި މިހާރު ޔުނައިޓެޑް އޮތީ ސިޓީއަށް ވުރެ 16 ޕޮއިންޓު ފަހަތުގައެވެ.

ލީގުގައި ޔުނައިޓެޑަށް ބާކީ އޮތީ ފަސް މެޗެވެ. އެހެންކަމުން ސިޓީއަށް މިވަނީ، ފާއިތުވި ހަތް ސީޒަން ތެރޭގައި ތިން ވަނަ ފަހަރަށް ލީގު ކާމިޔާބުވެފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ވެސްޓް ބްރޮމް އަތުން 1-0 އިން ބަލިވުމުން މެންޗެސްޓަރ ސިޓީއަށް ވަނީ ލީގު ކަށަވަރު ވެފައި -- ފޮޓޯ: ރޮއިޓަރސް

މިއީ މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޮލާގެ އިރުޝާދުގެ ދަށުން އެޓީމު ލީގު ހޯދި ފުރަތަމަ ފަހަރެވެ. މިއީ ސިޓީއާއެކު ގާޑިއޮލާގެ ދެވަނަ ސީޒަނެވެ.

ސީޒަނެއްގައި އެންމެ އަވަހަށް އިނގިރޭސި ޕްރިމިއަރ ލީގު ކަށަވަރުކުރި ޓީމުގެ ޝަރަފް ހޯދުމަށް ވެސް މިދިޔަ ހަފްތާގައި ސިޓީއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް އެޓީމު ކުޅުނު މެޗުން ދެލަނޑުގެ ލީޑެއް ލިބިފައި ސިޓީއަށް މެޗު ގެއްލުނީ 3-2ގެ ނަތީޖާއަކުންނެވެ.

މި ކާމިޔާބީއާއެކު ގާޑިއޯލާއަށް މިވަނީ ވިލާތުގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭން ތިން ލީގުގެ ޗެމްޕިއަންކަން ހޯދިފައެވެ. އަދި މިއީ އޭނާ ކާމިޔާބުކުރި 24 ވަނަ ލީގު ޓްރޮފީއެވެ.

ގާޑިއޮލާ މީގެކުރީން ވަނީ، ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަނުގެ ބަޔާން މިއުނިކާއެކުވެސް ލީގުގެ ކާމިޔާބީތައް ހޯދައިފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު ދެފަހަރު ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ.

ޝެއިޚް މަންސޫރު ބިން ޒައިދު އަލް ނަހްޔާން 2008 ވަނަ އަހަރު މެންޗެސްޓާ ސިޓީ ގަތްފަހުން، އެ ކުލަބުން ވަނީ މިހާތަނަށް ހަތް ޓްރޮފީ ހޯދައިފައެވެ. އޭގެ ތެރޭގައި އެފް އޭކަޕް، ލީގު ކަޕް ދެފަހަރު، ޕްރިމިއަރ ލީގު ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑެއް ހިމެނެއެވެ.

މެންޗެސްޓާ ސިޓީން މިފަހަރުގެ ލީގު ކާމިޔާބުކުރީ ޖެހިޖެހިގެން 18 މޮޅާއެކު ލީގު ރެކޯޑެއްވެސް ގާއިމުކޮށްފައެވެ. އަދި ހަމަ އެހެންމެ އެޓީމުން މި ސީޒަންގައި ވަނީ، ޑިވިޝަންގެ ކޮންމެ ކްލަބެއްވެސް އެއްފަހަރު ބަލިކޮށްފައެވެ.

comment ކޮމެންޓް