ފަހަތުން އަރައި ނިއުކާސަލްއިން އާސެނަލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއުކާސަލް މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ނިއުކާސަލްއިން އާސެނަލްގެ މައްޗަށް ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ލީގުގައި ވިދިވިދިގެން އާސެނަލް ބަލިވި ފަސްވަނަ އަވޭ މެޗެވެ. އެއީ ޑިސެމްބަރު 1984ގެ ފަހުން ވިދިވިދިގެން ފަސް އަވޭ މެޗުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގު ތާވަލުގެ ހަތްވަނައިގައި އޮތް އާސެނަލާއި އަށްވަނައިގައި އޮތް ބާންލީއާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. އާސެނަލަށް ހަވަނަ މަގާމު ކަށަވަރު ނުކުރެވިއްޖެ ނަމަ، އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފުރުސަތު ވެސް ގެއްލިގެންދާނެއެވެ. ނަމަވެސް މިސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ އާސެނަލުން އެ މުބާރާތް ކާމިޔާބުކޮށްގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދޭނެއެވެ. މިރޭގެ މެޗުން މޮޅުވި ނިއުކާސަލް އޮތީ 41 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ނިއުކާސަލް މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މިރޭ ކުޅުނު މެޗުގައި އާސެނަލުން ލީޑު ހޯދީ މެޗުގެ 14 ވަނަ މިނެޓުގައެވެ. ޕިއެރޭ އެމެރިކް އޮބަމަޔާން ނަގައިދިން ހުރަހަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެލެކްސްޑާ ލަކަޒެޓްއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ނިއުކާސަލް ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގައި އާސެނަލުން ލީޑު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، މެޗުގެ 29 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޑެ އެންދްރޭ ޔެޑްލިން ދިން ބޯޅައަކުން ނިއުކާސަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަޔޯޒޭ ޕެރޭޒްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ނިއުކާސަލްއިން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ހޯދީ 68 ވަނަ މިނެޓުގައެވެ. ޕެރޭޒް ދިން ބޯޅައަކުން ނިއުކާސަލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޓް ރިޗީއެވެ. ޕެރޭޒަށް ބޯޅަ ލިބުނީ އާސެނަލްގެ މޮންރެއާލްއަށް އެ ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުންނެވެ.

comment ކޮމެންޓް