ސައްޓުގެ ދެ ގޯލާއެކު ޓީސީން މާޒިޔާގެ މައްޗަށް ކުރި ހޯދައިފި

މާލޭ ލީގުގައި މާޒިޔާއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޓީސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެސްޓީއޯ މާލޭ ލީގުގައި މިއަދު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވާދަކުރި މެޗު ޓީސީން ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޓީސީގެ ދެ ގޯލްވެސް ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ސައްޓު ވަނީ ޓީސީއަށް ލީޑު ނަގައިދީފައެވެ. ސައްޓު އެ ގޯލް ޖެހީ މާޒިޔާގެ ފަހަތަށް ކުޅެމުންދިޔަ ސަމޫހު އަލީ (ސަމުއްޓޭ)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މެޗުގެ ކުރީ ކޮޅުގައި ޓީސީން ގޯލް ޖެހުމުން މާޒިޔާއިން ވަނީ މެޗަށް އެނބުރި ވަނުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރިއަށް ކުޅެމުންދިޔަ ކޯނެލިއަސް ސްޓެވާޓާއި ނާއިޒް ހަސަން (ދާދު) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

މާލޭ ލީގުގައި މާޒިޔާއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޓީސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ޓީސީންނެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ސައްޓުގެ ދެވަނަ ގޯލާއެކު ޓީސީން ލީޑު ފުޅާކުރިއެވެ.

ޓީސީގެ ފޯވަޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) މާޒިޔާގެ ވާތް ފަޅިން ފަހަތަށް ކުޅެމުންދިޔަ މުޖުތާޒު މުހައްމަދު (މުޖޭ) ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ގޮސް، މާޒިޔާގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ސައްޓު ނިންމާލީ ހުސްކޮށް އޮވެގެންނެވެ.

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް އިތުރު ހަމަލާތަކެއް ފެނިފައިވެއެވެ. އެގޮތުން މާޒިޔާގެ މެދަށް ކުޅެމުންދިޔަ ޔަސްފާދު ހަބީބު (މުލަކޭ)ގެ ބާރު ހަމަލާ، ޓީސީ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ބްލޮކްކޮށް ބޭރުކޮށްލައިފައެވެ. އަދި ޓީސީގެ އިބްރާހީމް ވަހީދު (އިއްބެ) ވަރަށް ހުސްކޮށް މާޒިޔާގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މާޒިޔާގެ ކީޕަރު މައުރޯ ބޮއެރީޗޯއެވެ.

މިއަދުގެ މެޗު ޓީސީން ފެށީ އެޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އެނަޓޮލީ ވްލާސިޗޭވް އަދި ޑިއޯ ވިލިއަމްވެސް ފުރަތަމަ 11 ގައި ނުހިމަނައެވެ. މެޗުގެ ފަހު ހާފްގައި، ސައްޓުގެ ބަދަލުގައި ޑިއޯ ވިލިއަމް ވަނީ ކުޅެން ނުކުމެފައެވެ.

މާލޭ ލީގުގައި މާޒިޔާއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ޓީސީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުން މޮޅުވެ ޓީސީ ވަނީ މާލޭ ލީގު ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފައެވެ. ހަ މެޗުން ހޯދި 10 ޕޮއިންޓާއެކު ޓީސީ ވަނީ އެއްވަނައިގައި އޮތް މާޒިޔާއާއި ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ޓީސީ ތިން ވަނައިގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.

މާލޭ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބު އީގަލްސްއާއި ޔުނައިޓެޑް ވިކްޓަރީއެވެ. މިރޭގެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ، އެޓީމަށް ވަގުތީ ގޮތުން ލީގުގެ އެއްވަނައަށް ޖެހިލާނެއެވެ.

comment ކޮމެންޓް