ޔަމަނަށް ބޮން އަޅަން ގެންގުޅޭ ޖެޓުތައް މޮރޮކޯއިން އަނބުރާ ގައުމަށް ގެންނަނީ

ޔަމަނަށް ބޮން އެޅުމަށް މޮރޮކޯއިން ބޭނުންކުރާ އެފް-16 ގެ ހަނގުރާމަ މަތީ ބޯޓުތަކެއް--

ރަބާތު (15 އޭޕްރީލް): ސައުދީން ޔަމަނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މުހިންމު ބައިވެރިއެއް ކަމަށްވާ މޮރޮކޯއިން، ޔަމަނަށް ބޮން އަޅަން ބޭނުންކުރާ އެފް-16 ޖެޓުތައް އަނބުރާ ގެންނަން ނިންމައިފި އެވެ.

މޮރޮކޯއިން ޖެޓުތައް ގެންނަން ނިންމީ އެގައުމުގައި ވަކިވެ ގަތުމަށް މަސައްކަތް ކުރަމުންދާ ޕޮލިސާރިއޯ ފްރޮންޓުގެ ހަމަލާތައް ވަރުގަދަވުމާ ގުޅިގެންނެވެ.

ޕޮލިސާރިއޯ ފްރޮންޓަކީ މޮރޮކޯގެ ސަހަރާ ސަރަހައްދުގައި ވަކިވެރިކަމެއް ގާއިމުކުރުމަށް އުޅޭ ހަނގުރާމަވެރި ގްރޫޕެކެވެ. ޕޮލިސާރިއޯއާ މޮރޮކޯއާ ދެމެދު ސުލްހަ ގާއިމުކުރުމުގެ ގޮތުން އދ. މެދުވެރިވެގެން ވަނީ 1991 ވަނަ އަހަރު އެއްބަސްވުމެއް ވެސް ގާއިމުކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މިލްކުވެރިކަމާމެދު މައްސަލަޖެހިފައިވާ އެ ސަރަހައްދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެ އެވެ. ނަމަވެސް މިހާތަނަށްވެސް ވޯޓެއް ނަގައިފައެއް ނުވެ އެވެ.

ޕޮލިސާރިއޯ ފްރޮންޓުން ދަނީ އެ ގްރޫޕުން ކޮންޓްރޯލް ކުރާ ސަރަހައްދުގެ ވެރިރަށުގެ ގޮތުގައި ބިރް ލަހުލޫ ހެދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް މިއީ އދ. އިން މެދުވެރިވެގެން ގާއިމުކޮށްފައިވާ އެއްބަސްވުމާ ހިލާފު ކަމެކެވެ.

މޮރޮކޯ އިން ބުނީ ހަނގުރާމަމަތީ ޖެޓުތައް އަނބުރާ ގެނަޔަސް ސައުދީއާ އެކު ހަދައިފައިވާ ކޯލިޝަނުން ވަކި ނުވާނެ ކަމަށެވެ.

ސައުދީން ޔަމަނަށް 2015 އިން ފެށިގެން ދޭންފެށި ހަމަލާތަކާ އެކު ޔަމަނުގައި މިހާރު ވަނީ އިންސާނީ ބޮޑު މުސީބާތެއް ޖެހިފަ އެވެ. އެގައުމުން މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް