އީގަލްސްގެ ފަހަތުން ހަދާ ގޯސްތައް، މޯހަންގެ ބޮލު ރިހުމަކަށް!

ކްލަބު އީގަލްސްގެ ކޯޗު، މުހައްމަދު ޝިޔާޒު (މޯހަން) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް މާލޭ ލީގުގައި ކުޅުނު ފަސް މެޗުން ހޯދި އަށް ޕޮއިންޓާ އެކު ކްލަބު އީގަލްސް އޮތީ ލީގު ތާވަލުގެ ތިންވަނައިގަ އެވެ.

މި ސީޒަންގައި އީގަލްސްގެ އެޓޭކް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. ހާއްސަކޮށް މި ސީޒަނަށް ޓީމަށް ގެނައި ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯ އަދި ޒުވާން ފޯވަޑް މުހައްމަދު ނާއިމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުން ދެ އެވެ.

މިދިޔަ ސީޒަންގައި އީގަލްސްއަށް ދިމާވީ ގޯލް ޖެހުމުގެ މައްސަލަ ނަމަވެސް މި ސީޒަންގައި އެ ޓީމަށް ދިމާވާ މައްސަލައަކީ ބައި ކޮޅަށް ވަންނަ ގޯލްގެ މައްސަލަ އެވެ. އީގަލްސްއިން މިހާތަނަށް ސީޒަންގައި 13 ގޯލް ޖެހި އިރު، އެޓީމު ކޮޅަށް 10 ގޯލް ވަދެފައިވެ އެވެ.

މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް އީގަލްސް ނުކުންނަ އިރު، އެޓީމަށް އޮތް އެންމެ ބޮޑު މައްސަލައަކީ ޑިފެންސަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ފެންނަ ގޯސްތަކެވެ.

"އަޅުގަނޑުމެންނަށް އެންމެ ފަހު މެޗުގައި ކަންތައްތައް ދިޔައީ ވަރަށް ދަށްކޮށް. ހުރިހާ ކުޅުންތެރިންގެ ވެސް ޕާފޮމަންސް ދަށްކޮށް ދިޔައީ. އިންޑިވިޖުއަލް މިސްޓޭކްސް ހުރީ ވަރަށް ގޯސްކޮށް. އުންމީދު ކުރަނީ އެއަށް ވުރެ ގޯސް ނުވާނެ ކަމަށް،" އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް އީގަލްސް ކުޅުނު މެޗާ ގުޅިގެން ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުންޏެވެ.

މޯހަން ބުނީ ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވީ އީގަލްސްގެ ފަހަތުން ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"މިހާ ހިސާބަށް އައި އިރު ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އައީ. އެކަމަކު ބައިކޮޅަށް ވަންނަ ގޯލްތައް މައްސަލަ ޖެހެނީ. ޓީސީ މެޗުގައި ވެސް އީގަލްސް ޑިފެންސަށް ދެވުނު ގޯލްތަކެއް ސަަބަބުން ބަލިވީ،" މޯހަން ބުންޏެވެ.

މޯހަން ބުނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް އީގަލްސްގައި އޭނާ ކުރަމުން އަންނަ މަސައްކަތަކީ ޓީމުގެ ޑިފެންސިވް މިސްޓޭކްތައް ހައްލު ކުރުމުގެ މަސައްކަތް ކަމަށާއި އެކަން ހައްލު ކުރުމަށް މިހާތަނަށް ގިނަ ގޮތްތަކަކަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ.

އެންމެ ފަހުން ޓީސީއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގައި އީގަލްސްގެ ސެންޓާ ބެކަށް ކުޅޭ އަހުމަދު ނޫމާން (ހެލްމެޓް)ގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވެ އެވެ.

އެ ގޯސްތަކާ ގުޅިގެން މޯހަން ބުނީ ހެލްމެޓް ވަނީ މިދިޔަ ސީޒަންގައި ވެސް ވަރަށް މޮޅަށް ކުޅެފައި ކަމަށާއި މި ސީޒަންގައި އޭނާގެ ފަރާތުން ފެންނަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ނޫމާން މިދިޔަ އަހަރު ފަހު ކޮޅުގައި ތިނަދޫއަށް ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެހެން ނަމަވެސް މި އަހަރު ހެދޭ މިސްޓޭކްތަކެއް އެބަ އުޅޭ. ރާމޯސްއާ ދެ ކުޅުންތެރިންގެ ކޮންބިނޭޝަން މައްސަލައެއްތޯ، ނޫނީ އެހެން ކުޅުންތެރިން ޑިފެންސަށް ދޭން ޖެހޭ ސަޕޯޓް ނުދެނީތޯ، ޕޮޒިޝަނިން މައްސަލައެއް ތޯ، މި ނޭނގިގެން މިއުޅެނީ. ޕޮޒިޝަނިން އާއި ކޮމްބިނޭޝަނަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ ފަރިތަކުރުންތަކުގައި ވެސް. އެކަމަކު އެންމެ ފަހުން މެޗުގައި އިންޑިވިޖުއަލް ވަރަށް ދަށް މިސްޓޭކްތަކެއް މި ފެނުނީ. މެޗުގެ ކޮންސެންޓްރޭޝަން ރަނގަޅުކޮށްގެން އެކަންކަން ހައްލުވާނީ،" މޯހަން ބުންޏެވެ.

މޯހަން އިތުރަށް ބުނީ ލީގު ދަނީ ވަރަށް ވާދަވެރިކޮށް ކަމަށާއި އެއްވެސް ޓީމަކާ ދެކޮޅަށް ނުކުންނަ އިރު ފަސޭހަކޮށް ނުނެގޭނެ ކަމަށް އަބަދު ވެސް ކުޅުންތެރިންނަށް ވިސްނައިދެމުން ދާ ކަމަށެވެ.

އީގަލްސްއާއި ޔުނައިޓެޑް ވިކްޓަރީ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގަ އެވެ.

comment ކޮމެންޓް