އަލަށް އުފައްދަން ހުށަހެޅި ދެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އީސީ އިން ނިންމައިފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

އާ ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވީނަމަވެސް އެ ދެ ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު "ދަ ގްރޭޓް ގްރީން ކަނެކްޝަން" ގެ ނަމުގައި ޕާޓީ އެއް އުފައްދަން ހުށަހެޅި ކަމަށެވެ.

އެ ޕާޓީ ހެދުމުގެ ހުއްދަ ނުދޭން ނިންމީ ޕާޓީ ރަޖިސްޓްރީކޮށްދިނުމަށް އެދި ހުށަހެޅި ފަރާތަކީ އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވާތީ އާއި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅި ފޯމާއެކު ހުށަހަޅަން ބަޔާންކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު ހުށަހަޅާފައިނުވާތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން މިމަހުގެ ފަސްވަނަ ދުވަހު "މޯލްޑިިވިއަން ރިޕަބްލިކަން ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގަވައިދު 2013 ގެ 6 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދައަށް އެދޭ ފަރާތަކުން އެޕާޓީ އަށް ކިޔަން ހުށަހަޅާފައިވާ ނަމަކީ ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެއް ޕާޓީގެ ނަމާއި ސިއްކަ އަދި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗަކީ އަނެއްޕާޓީގެ ނަމާއި ސިއްކަ އާއި ރަމްޒުކޮށްދޭ އެއްޗަކާ ފުށު އަރާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މޯލްޑިިވިއަން ރިޕަބްލިކަން ޕާޓީ ގެ ނަމަކީ ޖުމްހޫރީ ޕާޓިގެ ނަން އިނގިރޭސި ކުރުމުން ކިޔޭނެ ނަމާ ގާތް ކުރާ ނަމަކަށް ވާތީ އެ ނަމަކީ ކޮމިޝަނަށް ގަބޫލު ކުރެވޭ ނަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އަދި އެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަކީ ޖުމްހޫރީ ޕާޓިގެ މަސްލަހަތާ ފުށުއަރާނެ ކަމެއް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ހަ ސިޔާސީ ޕާޓީއެއް މިހާރު ހިންގައެވެ. އެއީ އެންމެ ގިނަ އަދަދެއްގެ މެމްބަރުން ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އާއި ދެވަނަ އަށް އެންމެ ގިނަ މެމްބަރުން ހިމެނޭ އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހުރީ ޕާޓީ އާއި މޯލްޑިސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އަދާލަތު ޕާޓީ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން ބައެއް ޕާޓީތަކަށް މެމްބަރުން ހަމަނުވެގެން މީގެ ކުރިންވަނީ އުވާވެސް ލާފައެވެ.

comment ކޮމެންޓް