ދީން ކުރިއަރުވަން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް ރައީސް ޔާމީނަށް އެވޯޑެއް އަރުވައިފި

ރައީސް ޔާމީނަށް އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއިން އެވޯޑް އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް

އިންޓަނޭޝަންލް މޮޑަރޭޝަން ފޯރަމްއިން ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ޚާއްސަ އެވޯޑެއް އަރުވައިފިއެވެ.

މި އެވޯޑް ރައީސް ޔާމީނަށް އަރުވާފައިވަނީ ދާދި ދެންމެއަކު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ ފަރާތުން ރައީސް ޔާމީނަށް އެ އެވޯޑް ހަވާލުކޮށްދެއްވީ އެ ފޯރަމްގެ ރައީސް ސޫދާންގެ ކުރީގެ ބޮޑުވަޒީރު ޑރ. އައްސޯދިގު އައްސިއްދީގް އަބްދުއްރަހުމާން އަލް މަހުދީއެވެ.

އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ 2002 ވަނަ އަހަރުން ފެށިގެން އުފެދިފައި އޮތް އިސްލާމީ އަދި އެހެނިހެން ދީންތަކާއި ފިކުރުތައްވެސް ބައިވެރިވާ ހަރަކާތެކެވެ. އެ ހަރަކާތް ބަލަހައްޓަވަމުން ގެންދަވަނީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ބިން ހުސައިންގެ ޚާއްސަ ރިޔާއަތުގެ ދަށުންނެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ) ގެ ފަރާތުން ޚާއްސަ ނަޒަރިއްޔާތެއްދީފައިވާ މި ފޯރަމަކީ އެ ކައުންސިލްގެ އިލްތިމާސާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އިސްލާމިކް ޔުނިވާސިޓީއާއި އެނޫންވެސް އިތުރު ޔުނިވާސިޓީތަކުން އިލްމްވެރިންނާއި ދިރާސާކުރާ ފަރާތްތަކާ އެކު އެކިއެކި ފަންނުގެ 12،000 އަށް ވުރެ ގިނަ ޕްރޮފެސަރުން ބައިވެރިވާ ފޯރަމެކެވެ.

އިންޓަނޭޝަނަލް މޮޑަރޭޝަން ފޯރަމްގެ އެންމެ ޝަރަފްވެރި އެވޯޑް ރައީސް އަބްދުﷲ ޔާމީނަށް މިއަދު އަރުވާފައިވާއިރު 15 އަހަރުވީ އެ ހަރަކާތުގެ ތާރީހުގައި މި އެވޯޑް މީގެ ކުރިން އަރުވާފައިވަނީ ދެ ބޭފުޅަކަށެވެ.

އެއީ މޮރަޓޭނިއާގެ މިހާރުގެ ރައީސް މުހައްމަދު ބިން އަބްދުލް އަޒީޒް އަދި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒު އާލް ސައުދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވީ އެ އެވޯޑް ރައީސް ޔާމީނަށް އަރުވަން އެ ފޯރަމް އިން ނިންމީ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް