ލަންކާ މަސްބޯޓެއްގައި އޮތް ބަލި މީހަކު އެމްއެންޑީއެފުން ކުޅުދުއްފުއްޓަށް ގެންގޮސްދީފި

ލަންކާ މަސްބޯޓުގައި އޮތް ބަލި މީހާއަށް އެހީވުމަށް ކޯސްޓްގާޑުގެ އުޅަނދު އެ ބޯޓު ކައިރީގައި --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ރާއްޖޭގެ ދިފާއީ ބާރުގެ އެހީތެރިކަމާ އެކު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްދީފި އެވެ.

މިއީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަން ނުކުމެ އުޅޭ ރާއްޖޭން ބޭރުގެ މަސް ބޯޓެއްގެ މަސްވެރިއަކު ހާލުބޮޑުވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވި ފުރަތަމަ ފަހަރެވެ.

އެމްއެންޑީއެފުން ބުނީ، "ވެރޮން ޕުތާ 02" ނަމަކަށް ކިޔާ އެ ބޯޓުގައި އޮތް ހާލުބޮޑު ބަލި މީހަކަށް ސިއްހީ އަވަސް ފަރުވާ ފޯރުކޮށްދިނުމަށް އެދި ސްރީލަންކަން ނޭވީ ހެޑްކުއޯޓަރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެންގީ އިއްޔެ މެންދުރެއް ހާއިރު ކަމަށެވެ.

އަދި އެ މައުލޫމާތު ލިބުމާ އެކު ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކާ އެކު ނޮދަން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޓީމެއް ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މަސް ބޯޓުގައި އޮތް ބަލި މީހާ ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރު ކުރާފްޓް ލޯންޗުގައި ހދ. ކުޅުދުއްފުއްޓަށް ގެންދެވުނީ މިއަދު ހެނދުނު 10:30ގަ އެވެ.

އެމްއެންޑީއެފުން ބުނީ، އެ ހާދިސަގައި ހާލުބޮޑުވެގެން ކުޅުދުއްފުއްޓަށް ގެންގޮސްފައި ވަނީ މަސްވެރިކަމުގައި އުޅެނިކޮށް ކުއްލިގޮތަކަށް މެޔަށްތަދެއް އަރައިގެން އުޅުނު އުމުރުން 47 އަހަރުގެ ލަންކާ ރައްޔިތެއް ކަމަށެވެ.

comment ކޮމެންޓް