ރޮހިންގާ މުސްލިމުންގެ އާއިލާއެއް ބަންގުލަދޭޝްއިން މިޔަންމާއަށް ގެންގޮސްފި

ބަންގުލަދޭޝްގެ ކޭމްޕުތަކުގައި ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން ދިރިއުޅެމުންދޭ -- ފޮޓޯ: ރޮއިޓާސް

ނޭޕީޑޯ (އޭޕްރިލް 15): މިދިޔަ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރަޚީން ސްޓޭޓުގައި ފެށި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އެގައުމު ދޫކޮށް ބަންގުލަދޭޝްއަށް ދިޔަ ރޮހިންގާ މުސްލިމުންގެ އާއިލާއެއް މިޔަންމާއަށް ގެންގޮސްފި އެވެ.

އެއީ ބަންގުލަދޭޝްއަށް ދިޔަ 700،000 އަށް ވުރެ ގިނަ ރޮހިންގާ މުސްލިމުން މިޔަންމާއަށް ގެންދިޔުމާ ބެހޭ ގޮތުން އެދެ ގައުމުން ޖެނުއަރީ މަހު ހެދި އެއްބަސްވުމުގެ ދަށުން މިޔަންމާއަށް ގެންދިޔަ ފުރަތަމަ އާއިލާ އެވެ. މިޔަންމާއިން ވަނީ އެނބުރި އެގައުމަށްދާ ރޮހިންގާ މުސްލިމުންނަށް ރަޚީން ސްޓޭޓުގެ ބޯޑަރު ކައިރީ ވަގުތީ ކޭމްޕުތަކެއް ހަދާފައި އެވެ.

އަދި އެކޭމްޕަށް އިއްޔެ ވަނީ ފަސް މެމްބަރުންގެ އާއިލާއެއް ގެންގޮސްފައި ކަމަށާއި އެމީހުންނަށް ކާނާ އާއި އަންނައުނާއި އައިޑީ ކާޑެއް ދީފައިވާ ކަމަށް މިޔަންމާއިން ބުންޏެވެ. ނެޝަނަލް ވެރިފިކޭޝަން ކާޑުގެ ނަން ދީފައިވާ އެކާޑަކީ ރޮހިންގާ މުސްލިމުންނަށް މިޔަންމާގެ ރަށްވެހިކަންދޭ ކާޑެއް ނޫނެވެ. އެހެންކަމުން ރޮހިންގާ ލީޑަރުން ވަނީ އެކާޑު ގަބޫލު ކުރުމަށް ދެކޮޅު ހަދައިފަ އެވެ.

ބަންގުލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކުގައި ތިބި ރޮހިންގާ މުސްލިމުން މިޔަންމާއަށް ގެންދަން ފެށީ އެމީހުން އެނބުރި ދިޔުމަށް ރައްކާތެރި މާހައުލެއް މިޔަންމާގައި ނެތް ކަމަށް އދ.އިން ބުނެފައި ވަނިކޮށެވެ.

އެގޮތުން ރޮހިންގާ މުސްލިމުންނަށް ސިއްހީ ހިދުމަތްތައް ލިބުން ދަތިވުމާއި މިޔަންމާގައި އެމީހުންގެ ސަލާމަތްކަން ކަށަވަރު ނުވުން ފަދަ ކަންބޮޑުވުންތައް އދ.އިން ފާހަގަ ކުރި އެވެ. އަދި މީގެ ކުރިން އެޖަމްއިއްޔާ އިން ވަނީ މިޔަންމާގެ ސިފައިން "ނަސްލެއް ނައްތާލަން" މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.

ނަމަވެސް މިޔަންމާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ރަޚީން ސްޓޭޓުގައި ކުރިއަށްގެންދާ އޮޕަރޭޝަނަކީ ރޮހިންގާ ހަނގުރާމަވެރިންތަކަކާ ދެކޮޅަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް