ހަ އަހަރަށްފަހު ވުލްވްސް ޕްރިމިއާ ލީގަށް

ވުލްވްސް މި ސީޒަންގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ/ އޭޕީ

ވުލްވާހެމްޓަން ވަންޑާސް އަނެއްކާވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަންގެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ވުލްވްސްއަށް އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޔަގީންވީ ލީގުގެ ދެވަނަ މަގާމް ޔަގީން ވުމުންނެވެ. ލީގު ހޯދުމަށް ވުލްވްސްއަށް ބާކީ އޮތް ހަތަރު މެޗުން ހަތަރު ޕޮއިންޓް ބޭނުންވެއެވެ.

ލީގުގެ ތިންވަނައިގައި އޮތް ފުލްހަމް ރޭ ކުޅުނު މެޗުން އެއްވަރުވެ ވުލްވްސްއަށް ޕްރިމިއާ ލީގު ޔަގީންވެފައިވާ އިރު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ވުލްވްސް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ.

އިނގިރޭސި ލީގު އޮނިގަނޑު އޮންނަ ގޮތުން ޕްރިމިއާ ލީގަށް އޮޓަމެޓިކުން ކޮލިފައިވާނީ ލީގު ނިމޭ އިރު ތާވަލުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ކޮންމެ ސީޒަނެއްގައިވެސް އިނގިރޭސި ޗެމްޕިއަންޝިޕުން ތިން ޓީމު ޕްރިމިއާ ލީގަށް ކޮލިފައިވާ އިރު، ތިންވަނަ ޓީމު ކަނޑައަޅާނީ ޗެމްޕިއަންޝިޕް ތާވަލުގެ ތިންވަނަ، ހަތަރު ވަނަ، ފަސް ވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭ އޮފް ބުރަކުންނެވެ.

ވުލްވްސް ޕްރިމިއާ ލީގުން 2012 ވަނަ އަހަރު ރެލިގޭޓް ވުމަށްފަހު ނިމިދިޔަ ހަ ސީޒަންގައި ކްލަބަށް އިރުޝާދު ދިނީ ހަ ކޯޗެކެވެ. މިދިޔަ އަހަރު މޭ މަހު ވުލްވްސްއާ ހަވާލުވި ނޫނޯ އެސްޕިރިޓޯއަށް އެންމެ ބޮޑު ހިތްހަމަ ޖެހުމަށްވީ ކްލަބާ އަލަށް ހަވާލުވި ޗައިނާގެ ފޮސުން ކުންފުނީގެ ފައިސާގެ އެހީތެރިކަމެވެ.

ބޮޑެތި ޓްރާންސްފާ ތަކަކާއެކު މި ސީޒަނަށް ނުކުތް ވުލްވްސްއަށް ކުޅުންތެރިން ގެންދިއުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ޕޯޗުގަލްގެ މަޝްހޫރު އެޖެންޓް ޖޯޖު މެންޑޭޒްއެވެ. މެންޑޭޒްއަކީ ޔޫރަޕްގައި އެންމެ ނުފޫޒު ގަދަ އެއް އެޖެންޓެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓަކީވެސް އޭނައެވެ.

ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ހަބަރާއެކު ވުލްވްސްގެ ކުޅުންތެރިން އަންނަނީ އުފާފާޅުކުރަމުންނެވެ.

comment ކޮމެންޓް