ރަމަޟާން މަހު ފަހު ފަނަރާގައި އުމްރާ އަށް ދިއުމަށް އިތުރު ފުރުސަތެއް

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ފުރަނީ-- ފައިލް ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރުގެ ރަމަޟާން މަހު އުމްރާ އަށް ދާ މީހުންގެ ތެރެއިން ފަހު ފަނަރާގައި އުމްރާވުމަށް ބޭނުންވާ މީހުންނަށް ނަންނޯޓު ކުރުމަށާއި ފައިސާ ދެއްކުމަށް ދިން މުއްދަތު އެ ކޯޕަރޭޝަނުން އިތުރުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ރަމަޟާން މަހުގެ ފަހު ފަނަރާގައި ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓާ ކުރުމާއި ފައިސާ ބަލައިގަތުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ޢުމްރާ ދަތުރަށް ކަނޑައަޅާފައިވާ އަގަކީ 37،965 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އުމްރާ އަށް ރަޖިސްޓްރީ ވުމާއި ފައިސާ ބަލައިގަތުން ހެނދުނު އަށަކުން މެންދުރު 12:30 އަށް ކުރިއަށްދާނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

ރަމަޟާން މަހުގެ އުމްރާ އާ ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ރަމަޟާން މަހުގެ އުމްރާގެ އަގަކީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 2000 ރުފިޔާ ހެޔޮ އަގެއް ކަމަށެވެ.

އޭރު ހައްޖު ކޯޕަރޭޝަނުން ބުނީ އަގުގެ އިތުރުން ވެސް ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަތަރު މީހުންގެ ގުރޫޕެއް ނަމަ ކޮންމެ މީހަކަށް 1000 ރުފިޔާގެ ޑިސްކައުންޓެއް އަދި 10 މީހުންގެ ގުރޫޕެއް ރަޖިސްޓްރީ ކޮށްދެއްވާ ފަރާތްތަކަށް ޢުމްރާ އަގުގެ 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އަދި 12 އަހަރުން ދަށުގެ ކުދިންނަށް ވެސް ޙާއްސަ ޑިސްކައުންޓެއްދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖެއިން މި އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ އެކު އިތުރު 15 ކުންފުންޏަކަށް ވަނީ ހުއްދަ ދީފަ އެވެ.

comment ކޮމެންޓް