މާލޭ އިރުމަތީ ފަރާތުގެ ތޮށި އުސްކޮށް ބޮޑުކުރުމަށް ޓަކައި އެމްޓީސީސީއާ ހަވާލުކޮށްފި

މާލޭ އިރުމަތީފަރާތުގެ ތޮށި އުސްކޮށް ބޮޑުކުރުމަށް ޓަކައި އެމްޓީސީސީއާ ހަވާލުކުރުން --- ސަން ފޮޓޯ/ އިސްމައިލް އާދަމް

ސައުދީ ރަސްގެފާނުގެ އެހީގެ ދަށުން މާލޭގެ އިރުމަތީފަރާތުގައި އަޅާ ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދު ހިމާޔަތްކުރުމަށް ޓަކައި އެފަރާތުގެ ތޮށި އުސްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިނިސްޓަރު މުއިޒް ވިދާޅުވީ، މާލެ އިރުމަތީ ފަރާތަކީ މޫސުން ގޯސްވާ ދުވަސްވަރު އުދައެރުމުގެ ސަބަބުން ގެއްލުންތަކަކާއި އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭ ސަރަހައްދެއް ކަމަށެވެ. އަދި ކިންގް ސަަލްމާން މިސްކިތް ނިމެންވާއިރަށް އެ ސަރަހައްދުގެ ތޮށި އުސްކޮށް ބޮޑުކޮށް އެ ސަރަހައްދު ހިމާޔަތް ކުރަންޖެހޭ ކަމަށް ވެސް މުއިޒް ވިދާޅުވި އެވެ.

މުއިޒް ވިދާޅުވީ، އެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 46.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަސެއްކަތެއް ކަމަށެވެ. އަދި ތޮށި އުސްކޮށް ބޮޑުކުރުމުގެ އިތުރުން އުދަ އެރުމުން ބޮޑުވާ ފެން ހިއްކައި ބޭރުކުރުމަށް އޮޓަމެޓިކް ޕަންޕު ވެސް ބަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތުގެ ދަށުން އާޓިފިޝަލް ބީޗް ސަރަހައްދުން ފެށިގެން 430 މީޓަރު ދިގުމިނަށް ތޮށި ބޮޑުކޮށް އުސްކުރާނެ ކަމަށް މުއިޒް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ނިމުމުން މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ގެއްލުން ނިސްބަތުން ކުޑަކުރެވިގެންދާނެ ކަމަށް މުއިޒް ވިދާޅުވި އެވެ.

"އެ ސަރަހައްދުގެ ތޮށި އުސްކޮށް ބޮޑުކޮށް އޮޓަމެޓިކް ޕަންޕު ސިސްޓަމް ބެހެއްޓުމުން އެސަރަހައްދަށް އަންނަ ހުރިހާ ތަރައްގީއަކާއި އެސަރަހައްދުގައި އިންވެސްޓްކުރާ ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ،" މުއިޒް ވިދާޅުވި އެވެ.

އެމްޓީސީސީގެ ފަރާތުން ޒިޔަތު ވިދާޅުވީ، އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 10 މަސް ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އޭގެ ކުރިން އެ މަސައްކަތް ނިންމައި ހައުސިންމިނިސްޓްރީއާ ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިތުރު ފަރާތުގެ ތޮށި އުސްކޮށް ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން މާލޭގެ ރިންގްރޯޑުގެ މަސައްކަތުގެ ދަށުން ކުރަން ޖެހޭ ޝީޓް ޕައިލްގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މުއިޒް ވިދާޅުވި އެވެ.

comment ކޮމެންޓް