އައިޖީއެމްއެޗްގެ މައިކްރޯ ބަޔޮލަޖީ ލެބް އޮޓޮމޭޓްކޮށްފި

އައިޖީއެމްއެޗްގެ މައިކްރޯބަޔޮލަޖީ ލެބްގައި ބެހެއްޓި މެޝިންތައް--- ފޮޓޯ: އެސްޓީއޯ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މައިކްރޯ ބަޔޮލަޖީ ލެބް އޮޓޮމޭޓްކޮށްފިއެވެ.

އެސްޓީއޯއިން ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްގެން އައިޖީއެމްއެޗުގެ ބައިކްރޯބަޔޮލަޖީ ލެބް އޮޓޮމޭޓްކޮށްދީފައިވާއިރު އެސްޓީއޯގެ މެނޭޖާ އަބްދުﷲ ވިސާމް ވިދާޅުވީ މި ލެބް ހިންގުމަށް ބޭނުންވާ ކޮންސިއުމެބްލް މެދުނުކެނޑި އައިޖީއެމްއެޗަށް ފޯރުކޮށްދޭނެ ކަމަށެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓެންޓް އިން ޕެތަލޮޖީ ޑރ.މިލްޒާ އަބްދުލް މުހުސިން ވިދާޅުވީ އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް މައިކްރޯ ބަޔޮލަޖީ އޮޓޮމޭޝަން އިސްޓްރޫމެންތުތައް އިންސްޓޯލް ކުރީ މިދިޔަ ހަފްތާގައި ކަމަށެވެ. މި އިންސްޓްރޫމެންޓުތައް އިންސްޓޯލު ކުރެވުމާއެކު ކުރިއަށްވުރެ އަވަހަށް ރިޕޯޓު ދެވޭނެ ކަމަށާއި ރޕޯޓުތަކުގެ އެކުއެރީ ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ޑރ. މިލްޒާ ވިދާޅުވިއެވެ.

"މިއާއެކު އަޅުގަނޑުމެންގެ ޑޮކްޓަރުންނަށާއި ބަލިމީހުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،"

ޑރ. މިލްޒާ ވިދާޅުވީ މި ސިސްޓަމަކީ އިންޑިއާ ފިޔަވައި ސާކް ރީޖަންގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިން ކަމަށެވެ.

މި ސިސްޓަމް ބެހެއްޓުމާއެކު މައިކްރޯ ބަޔޮލަޖީ ލެބަށް އަންނާނެ ކުރިއެރުން ފާހަގަ ކުރައްވާ އައިޖީއެމްއެޗްގެ ޗީފް ލެބޯޓްރީ ޓެކްނީޝަން ފާތިމަތު ރީޝާ ވިދާޅުވީ މީގެ ކުރިން ކަލްޗާ ރިޕޯޓެއް ނިންމާލެވެނީ ތިން ދުވަހުން ކަމަށެވެ. ނަމަވެސް މި ސިސްޓަމާއެކު އެކަން އެތައް ގުނައެއް އަވަސްވާނެ ކަމަށް ރީޝާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުގެ މައިކްރޯ ބަޔޮލަޖީ ލެބް ގައި ބެހެއްޓި މެޝިންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަނީ ---- ފޮޓޯ: އެސްޓީއޯ

"އޯގަނިޒަމް އެއް އައިޑެންޓިފައި ކުރަން ކުރިން 24 ގަޑިއިރު ނަގާ. މިހާރު ދެތިން މިނެޓް ތެރޭ އައިޑެންޓިފައި ކުރެވޭނެ،" ރީޝާ ވިދާޅުވިއެވެ.

މައިކްރޯބަޔޮލަޖީ ލެބް އޮޓޮމޭޓު ކުރުމަށް އެސްޓީއޯގެ އެހީ އާއެކު އައިޖީއެމްއެޗުގައި ވަނީ ތިން މެޝިނެއް ބަހައްޓައިފައެވެ.

ސީނިއާ ކޮންސަލްޓެންޓް އިން ޕެތަލޮޖީ ޑރ. މިލްޒާ އަބްދުލް މުހުސިން ވިދާޅުވީ މީގެ ކުރިން މައިކްރޯ ބަޔޮލަޖީ ޓެސްޓުތައް ހަދަނީ އެއްކޮށް މެނުއަލް ޕްރޮސެސްއެއްގައި ކަމަށެވެ.

"ސާމްޕަލްއެއް ލިބުނީމަ އޭތި މީޑިއާއެއްގަ ގްރޯކޮށްފަ ޖެހޭނީ އެއީ ކޮންކަހަލަ ބެކްޓީރިއާއެއް ކަމާ އޭތި ސެންސެޓިވް ވާނި ކޮން އެންޓިބަޔޮޓިކް ތަކަކަށްކަން. މިހާރުވެސް ގްރޯކުރާ ޕްރޮސެސް އިންނާނީ މެނުއަލް ކޮށް، އެކަމަކު އޭގެ ފަހުން ދެން އިންނަ ޕްރޮސެސް ގައި މަސައްކަތް ކުރާނީ މި މެޝެންތަކުން. ކޮން ބެކްޓީރިއާ އެއްކަން އައިޑެންޓިފައިކޮށް ކޮން ފަންގަސްއެއް ކަމާ، އޭތި ސެންސެޓިވް ވަނީ ކޮން އެންޓި ބަޔޮޓިކް އެއް ކަމަށް އައިޑެންޓިފައި ކުރެވޭނެ. އެ ޕްރޮސެސް ވަރަށް އަވަސް ވާނެ،" ޑރ. މިލްޒާ ވިދާޅުވިއެވެ.

ޑރ. މިލްޒާ ވިދާޅުވީ ޖަރާސީމަކީ ކޮންޖަރާސީމެއްކަން އެއް މިނެޓްތެރޭ ދެނެގަނެވޭނެ މެޝިނެއްވެސް ބަހައްޓާފައިވާ ކަމަށެވެ.

އެއާއެކު ބަލިމީހާ އަށް ދޭނެ ބޭސް ޑޮކްޓަރަށް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ ސީނިއާ ލެބްޓެކްނީޝަން މުސްތަފާ ޖަލީލު ވިދާޅުވީ ކުރިން ދެނެގަނެވެނީ ލިމިޓެޑް އަދަދެއްގެ ބެކްޓީރިއާ ކަމަށާއި މިހާރު މެޝެންތައް ބެހެއްޓުމާއެކު ބެކްޓީރިއާތަކާއި ފަންގަސްތައް ދެނެގަނެވޭނެ ކަމަށެވެ.

މި މެޝެންތައް ބެހެއްޓުމަކީ އައިޖީއެމްއެޗުގެ ބައިކްރޯ ބަޔޮލަޖީ ސެކްޝަންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އައިޖީއެމްއެޗަކީ އެންޓި މައިކްރޯބަޔޮލޮޖިކަލް ރެސިސްޓެންޓް ރެފަރެންސަށް ވާއިރު އެއަށް ބޭނުންވާ ތަފާސް ހިސާބު ހޯދުމުގައިވެސް މިހާރު ފަސޭހަވާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

comment ކޮމެންޓް