ވަރުންގެ 'އޮކްޓޯބަރ' އަށް ރަނގަޅު ފެށުމެއް

ޝޫޖިތު ސިރްކާރު ޑައިރެކްޓުކޮށް، ވަރުން ދަވާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'އޮކްޓޯބަރ' މިވަނީ ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އެ ފިލްމަކީ ތަފާތު ލޯބީގެ ވާހަކައެކެވެ. އަދި ފިލްމުގެ ޓްރެއިލާ އާންމު ކުރި ހިސާބުން ފެށިގެން ވެސް އާންމުންގެ މެދުގައި ފިލްމަށް ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ފިލްމު ރިލީޒް ކުރި ދުވަހުގެ އާމްދަނީއަށް ބަލައިލާއިރު، އެއް ދުވަހުން ފިލްމަށް މިވަނީ ފަސް ކުރޯރު ރުޕީސް (7,66,805 ޑޮލަރު)ގެ އާމްދަނީއެއް ލިބިފަ އެވެ.

ފިލްމު ރިލީޒް ކުރި ސިނަމާތަކުގެ އަދަދަށް ބަލާއިރު އެއީ ވަރަށް ރަނގަޅު އާމްދަނީއެއް ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ފިލްމު ބަލަން ދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އެގޮތުން ހަފްތާ ބަންދުގައި ފިލްމުގެ ޝޯތައް މިހާރު ވެސް ވަރަށް ބޮޑަށް ބުކް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތަފާތު ވާހަކައަކަށް އުފައްދާފައިވާ އެ ފިލްމުގައި ވަރުން އާއެކު ލީޑު ރޯލުން ފެނިގެން ދަނީ ބޮލީވުޑަށް އަލަށް ތައާރަފުވާ ބަނީތާ ސަންދޫ އެވެ.

ހޮޓަލެއްގެ ވެއިޓަރުކަމުން ފެނިގެންދާ ވަރުން އަށް އެ ހޮޓެލްގައި މަސައްކަތްކުރާ ބަނީތާ އާ ދިމާވެ އެވެ. އެހެން އުޅުމުގެ ތެރޭގައި ބަނީތާ ކުއްލިއަކަށް ވަޒީފާ އިން ވަކިވުމުން ވަރުން އޭނާ ހޯދުމަށް ކުރާ މަސައްކަތާއި އޭނާ ބެލެހެއްޓުމުގެ ޒިންމާ ވަރުން ނަގާތަން ޓްރެއިލާ އިން ފެނިގެން ދިޔަ އެވެ.

comment ކޮމެންޓް