ދާދު އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް، އިންމައަށް އިތުބާރު ބޮޑު!

ދާދު ޓީސީ ޖާޒީގައި: އޭނާ މިދިޔަ ތިން ސީޒަންގައިވެސް ހޭދަކުރީ ޓީސީގައި --- ސަން ފޮޓޯ

ނާއިޒް ހަސަން (ދާދު) އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އަދި އެންމެ ފޯމުގައިވެސް ހުރި އެއް ކުޅުންތެރިޔާއެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ތެރެއިންް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ތައާރަފްވެގެން އައި ދާދު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ބަދަލުވީ މި ސީޒަނަށެވެ. މިދިޔަ ތިން އަހަރުގައިވެސް ޓީސީއާއެކު ދާދު ވަނީ އުންމީދީ ކުޅުމެއް ދައްކައިފައެވެ.

އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި މިއަދު އޮންނަ މެޗުގައި ދާދު ކުރީގެ ކްލަބާ ދެކޮޅަށް ނުކުންނަ އިރު، މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒު (އިންމަ) އަށް މި ސީޒަންގައި އެންމެ ބޮޑު އިތުބާރެއް ދޭ އެއް ކުޅުންތެރިއަކީވެސް އޭނާއެވެ.

"އަޅުގަނޑުމެން ޓީމުގައި މިހާރު ތިބީ މިދިޔަ ސީޒަންގައި ޓީސީއަށް މޮޅު ކުޅުމެއް ދައްކައި، ޓީސީގައި މުހިއްމު ރޯލެއް އަދާކުރި ދެ ކުޅުންތެރިން. އަދި އަޅުގަނޑު ވަރަށް އިތުބާރުވެސް ކުރާ ދެ ކުޅުންތެރިން އެއީ. އުންމީދު ކުރަނީ ވަރަށް ރަނގަޅު ކުޅުމެއް އެ ދެ ކުޅުންތެރިންގެ ފަރާތުން ފެންނާނެ ކަމަށް،" ދާދު އަދި މިދިޔަ ސީޒަންގައި ޓީސީއަށް ކުޅުނު ވިންސެންޓް ފޯވަޑް، ކޯނެލިއަސް ސްޓެވާޓާ ގުޅިގެން އިންމަ ބުންޏެވެ.

އިންމަ ބުނީ ދާދު މިއަދު ނުކުންނަނީ އޭނާގެ "ހޯމް ކްލަބާ" ދެކޮޅަށް ނަމަވެސް އެމޯޝަނަލީ އޭނާއަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ.

"ތަފާތެއް ނުވާނެ. ސީޒަންގެ ފުރަތަމަ މެޗެއް ނޫން. އެހެންވީމަ ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް އައިސްދާނެ ކަމަކަށް،" މެޗަކީ ދާދުއަށް އެމޯޝަނަލް މެޗަކަށް ވެދާނެ ތޯ އެހުމުން އިންމަ ބުންޏެވެ.

މެޗުގައި ދެ ޓީމުން ނުކުންނަ ކޯޗުންނަކީވެސް އެއް ސްކޫލަކުން ކިޔަވައި، ފުޓުބޯޅައިގެ ތެރެއަށް އެއްކޮށް ވަން ދެ މީހުނެވެ. މިއަދުގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ދެ މީހުން ކިޔެވީ އެއް ސްކޫލަކުން، ފުޓުބޯޅައަށް ނުކުތީ އެއް އެކަޑެމީއަކުން ނަމަވެސް ކޯޗިންގައި ފިލޯސަފީ ތަފާތު ކަމަށެވެ.

"ދެމީހުން އެއްތާކުން ކިޔަވައިގެން އެއް އެކަޑެމީއަކުން އަޔަސްވެސް ފުޓުބޯޅައިގައި ދެ ކޯޗުންވެސް އަމިއްލަ ގޮތްތަކެއް ގެންގުޅޭނެ. އަޅުގަނޑު ނުދަންނަވާނަން އަޅުގަނޑާ އިންމައާ ކޯޗިންގައި، އެއް ޓެކްޓިސްއެއް، އެއް ވިސްނުމެއް، އެއް ގޮތެކޭ ގެންގުޅެނީ. އަޅުގަނޑަށް ހީވަނީ ތަފާތުހެއް. ކުޅުނީވެސް ދެ މަގާމަކަށް ކުޅުނު އިރުވެސް. އެކަމަކު އެއް ޓީމަކަށް ކުޅުނު އިރު ކުޅެފައި ހުންނާނީ އެއް ސްޓައިލެެއްގެ ބޯޅަ، އެކަމަކު ކޯޗިންގައި އެއްގޮތް ކަންތައްތަކެއް ނެތް،" ނިޒާމްބެ ބުންޏެވެ.

އެ ވާހަކައާ ގުޅުވައިގެން އިންމަ ބުނީ ނިޒާމްބެއަކީ ސްކޫލް ދައުރުން ފެށިގެންވެސް ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި، ފުޓުބޯޅައިގެ ތެރޭގައި އެއްކޮށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިއަދު ތިބީ ދެ ޓީމެއްގެ ކޯޗުންގެ ގޮތުގައި ކަމަށްވުމުން، ޕްރޮފެޝަނަލީ އޭނާގެ ޓީމު މޮޅު ކުުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އިއްޔެގެ ޕްރެސްގައި ނިޒާމްބެ އިތުރަށް ބުނެފައި ވަނީ ޓީސީ އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށާއި އުންމީދަކީ މިއަދުގެ މެޗަކީ އަނެއްކާވެސް ޓީސީގެ ފަރާތުން ތަފާތުތަކެއް ފެންނާނެ މެޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޓީސީގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) --- ސަން ފޮޓޯ/ ފަޔާޒް މުސާ

މިއަދުގެ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ނިޒާމްބެ ވަނީ ޓީސީގެ މިޑްފީލްޑަރު އިބްރާހީމް ވަހީދު (އިއްބެ) އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

"ޓީސީއަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. މިދިޔަ ދެ ސީޒަންގައިވެސް އިއްބެއަކީ ޓީސީއަށް ވަރަށް މުހިއްމު ކުޅުމެއް ކުޅޭ ކުޅުންތެރިއެއް. ގައުމީ ޓީމު މެޗަށް ފަހު ކަންނޭނގެ މާ ވަރަކަށް މީޑިއާގަވެސް އޭނާގެ ވާހަކަ ދެކެވެން ފެށިގެން މިއުޅެނީ. އޭނާއަކީ ގިވް އަޕް ކުރާ ކުޅުންތެރިއެއް ނޫން. އަމިއްލަ ލިމިޓެއް ނެތި، އަބަދުވެސް ކުރިއަށް ދާން މަސައްކަތް ކުރާ ކުޅުންތެރިއެއް އިއްބެއަކީ. ކޯޗެއްގެ ގޮތުގައި ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އެކަހަލަ ކުޅުންތެރިއަކު ޓީމުގައި ހިމެނުމަކީ،" ނިޒާމްބެ ބުންޏެވެ.

ޓީސީއާއި މާޒިޔާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

comment ކޮމެންޓް