ތިލަފުށި ކޯޕަރޭޝަނާއި މޯލްޑިވިއަން ފައިނަލަށް

ރޭ ކުޅުނު ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލަށް ތިލަފުށީ ކޯޕަރޭޝަން އަދި މޯލްޑިވިއަން ދަތުރު ކޮށްފި އެވެ.

ތިލަފުށި ކޯޕަރޭޝަން އަދި މޯލްޑިވިއަން ސެމީއަށް ދަތުރުކުރީ ރޭ ކުޅުނު ވާދަވެރި ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ތިލަފުށީ ކޯޕަރޭޝަނުން ފައިނަލަށް ދަތުރުކުރީ ވަރުގަދަ އެޗްޑީސީ ބަލިކޮށްފަ އެވެ.

މާފަންނު މިނީ ގްރައުންޑުގައި ރޭ ކުޅުނު މެޗު، ތިލަފުށީ ކޯޕަރޭޝަނުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވަރުގަދަ ހަމަލާތަކެއް ފެނިގައިވާ އިރު، ދެ ޓީމުގެ ކީޕަރުންގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެ އެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި އެޗްޑީސީން ވަނީ ލީޑު ނަގައިފަ އެވެ. އެޗްޑީސީއަށް ލީޑު ނަގައިދިނީ މުހައްމަދު ސުޖާން އަހުމަދެވެ.

ސުޖާންގެ ގޯލާއެކު އެޗްޑީސީން ލީޑު ނެގުމާ އެކު ތިިލަފުށި ކޯޕަރޭޝަނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ހަމަލާތައް އުފެއްދި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 10 ވަނަ މިނެޓުގައި މުހައްމަދު ލިޔާހުގެ ގޯލުން ތިލަފުށި ކޯޕަރޭޝަން ނަތީޖާ ހަމަހަމަ ކުރި އެވެ.

ރޭ ކުޅުނު ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާ އިރު، ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ތިލަފުށި ކޯޕަރޭޝަނަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އެވެ.

ދެވަނަ ހާފްގެ ކުުރީ ކޮޅުގައި އެޗްޑީސީއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމަށް ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ތިލަފުށީ ކޯޕަރޭޝަންގެ ތިން ވަނަ ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ލިޔާހެވެ. މެޗު ނިމެންދަނިކޮށް ތިލަފުށީ ކޯޕަރޭޝަންގެ އިބްރާހީމް ފުރުގާން (ފުގޭ)އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރެފްރީ ރަތް ކާޑު ވެސް ދައްކައިފަ އެވެ.

ރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރީ މޯލްޑިވިއަން އާއި މިދިޔަ އަހަރުގެ ރަނަރަޕް އެމްޕީއެލް އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނު މެޗު، މޯލްޑިވިއަންއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗު ކުޅުނު ވަގުތު ބޯކޮށް ވާރޭ ވެހުމުން ދަނޑުގައި ފެން ހެދި، އޭގެ ސަބަބުން ދެޓީމަށް ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.

ރޭ ކުޅުނު ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފުރަތަމަ ފަސް ވަނަ މިނެޓުގައި އެމްޕީއެލް އިން ވަނީ ލީޑު ނަގައިފަ އެވެ. ސިނާން އިބްރާހީމް ރަޝީދު (ބަގޭ)ގެ ގޯލުން އެމްޕީއެލް އިން ލީޑު ނެގުމަށް ފަހު އެޓީމު ފެނުނީ ފަހަތަށް ވިސްނައިގެން ކުޅުނު ތަނެވެ.

ފުރަތަމަ ހާފްގައި މޯލްޑިވިއަންގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނުނުކަން ފާހަގަ ކޮށްލެވުނެވެ. ހާއްސަކޮށް ފުރަތަމަ ހާފް ނިމެންދަނިކޮށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަކޮޅު އެމްޕީއެލްގެ ފަރާތުން ފުލުފުލު ދެ ހަމަލާއެއް ފެނިގެން ދިޔަ އެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މޯލްޑިވިއަންގެ ކީޕަރު އާދަމް އިމްއާނެވެ.

ދެވަނަ ހާފްގެ މެދު ތެރެއިން އެމްޕީއެލް ޓީމަށް ފަސް ފައުލް ހަމަވުމާ އެކު އެޓީމު ވަރަށް ބޮޑަށް ޕްރެޝަަރަށް ވެއްޓުނެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި މޯލްޑިވިއަންއިން ލީޑު ނެގީ ވެސް ފައުލް ހަމަވުމާ ގުޅިގެން ލިބުނު ޕެނެލްޓީގަ އެވެ. އެޓީމަށް ޕެނެލްޓީ ކާމިޔާބު ކޮށްދިނީ އަބްދުﷲ ޝައްފާނު (ޝާކާ) އެވެ.

ރޭ ކުޅުނު ކްލަބު މޯލްޑިވްސް ކަޕް ސެމީ ފައިނަލް މެޗުތަކުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ފަހު ހާފްގައި މޯލްޑިވިއަންވެސް ވަނީ ފަސް ފައުލް ހަމަވެފަ އެވެ. ފައުލް ހަމަވުމާ ގުޅިގެން ތިން ފަހަރެއްގެ މަތިން އެމްޕީއެލްއަށް ވަނީ ޕެނެލްޓީ ވެސް ލިބިފަ އެވެ.

ތިން ޕެނެލްޓީ ވެސް އެމްޕީއެލްއިން ބޭކާރު ކޮށްލި އެވެ. ފުރަތަމަ ޕެނެލްޓީ ހުޝާމް އިބްރާހީމް (ހުއްޓޭ) ޖެހި އިރު، މޯލްޑިވިއަންގެ ކީޕަރު އިއްމާން އެ ޕެނެލްޓީ ދިފާއު ކުރި އެވެ. އަދި އަލީ ޝިފާއު (ރޮނާ) ޖެހި ޕެނެލްޓީ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، މުހައްމަދު އަޔާޒު (އަޔާ) ޖެހި ޕެނެލްޓީ ދިފާއުކުރީ ކީޕަރު އިމްއާނެވެ.

މެޗު ނިމެން ދަނިކޮށް މޯލްޑިވިއަން އިން ވަނީ ފުލު ފުލުގައި ދެ ގޯލް ޖަހައި އެމްޕީއެލް މާޔޫސް ކޮށްލައިފަ އެވެ. ލީޑު ނެގި ގޯލް، އިބްރާހީމް ތަހުސީން ކާމިޔާބުކޮށްދިން އިރު، ތިންވަނަ ގޯލް ޖަހައިދީ މޯލްޑިވިއަންއަށް ފައިނަލް ޔަގީން ކޮށްދިނީ ޝާކާ އެވެ.

މި އަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލް އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ 8:30 ގަ އެވެ.

comment ކޮމެންޓް