ފޯރިގަދަ ހަފްލާއަކާއެކު ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ގުރު ނަގައިފި

"ޔޫތު ސިޓީ ފުޓްސަލް ކަޕް"ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ: ފަޔާޒް މޫސާ

ޖުމުލަ 136 ޓީމާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ޔޫތު ސިޓީ ފުޓްސަލް ކަޕް"ގެ ގުރުނަގައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި އޮންނަ ފަރުކޮޅުފުށީގައި ރޭ ބޭއްވި ފޯރިގަދަ ރަސްމިއްޔާތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ބުންޔާމީނާއި، އެކުންފުނީގެ ޑިޕާޓްމަންޓުތަކުގެ ވެރީންނާއި، މުބާރާތުގައި ބައިވެރިވި ޓީމުތަކުންނާއި އަދި މުބާރާތުގެ ސްޕޮންސަރުން ބައިވެރިވިއެވެ.

ގުރުނެގުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވަމުން، އެޗްޑީސީގެ މުނިސިޕަލް ޑައިރެކްޓަރ އަހްމަދު ފާތިހް ވިދާޅުވީ، މި މުބާރާތަކީ، ޒުވާނުންނަކީ މުޖްތަމައަށް ފައިދާހުރި، ބަޔަކަށް ހެދުމަށް އަދުގެ ސަރުކާރުން ކުރަންމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން ރާވައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

"ޔޫތު ސިޓީ ފުޓްސަލް ކަޕް"ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ: ފަޔާޒް މޫސާ

"ޔޫތު ސިޓީ ޑިވެލޮޕްވެގެން މިއަންނަނީ، ސަރުކާރުގެ ވަރަށް ބޮޑު އިނިޝިއޭޓިވްއެއްގެ ދަށުން. ހަގީގަތުގަ ޒުވާނުންނަށް ފުރުސަތުތަކެއް ދިނުމުގެ ބޭނުމުގަ. އަޅުގަނޑުމެންގެ ޒުވާނުންގެ ރައީސް ކޮށްދެއްވާ ކަންތައްތައް ވަރަށް ބޮޑަށް ފާހަގަކުރަން،" ފާތިހު ވިދާޅުވިއެވެ.

"ކުރީގަ ވެއްޖިއް ޒުވާނުން މި ސިފަވެގެން ދަނީ މަގުމަތީގަ ބޭކާރުވެގެންދާ ބައެއްގެ ގޮތުގައި. އެކަމަކު މިފަހަރު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ހަމައެކަނި ކުޅިވެރުގެ މައިދާނުގައެއް ނޫނޭ މި ފުރުސަތުތައް މިގެނެސްދެނީކީ."

އޭނާ ވިދާޅުވީ، މިއަދު ފެނިގެން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމައެކަނި ދަނޑުތަކެއް އަޅަމުންދާ މަންޒަރު ނޫންކަމަށާއި އެއާއެކުއެކީގައި ވަޒީފާގެ ފުރުސަތުތަކާއި މީހުން ބިނާކުރުމާއި މީހުން މީހުނަށް ހެދުމުގެ މަގުސަދު މި ސަރުކާރުން އެބަ ދައްކައިދެމުންދާ ކަމަށެވެ.

ގްރޫޕްތަކަށް ޓީމުތައް ބެހިފައިވާ ގޮތާއި މެޗުތައް ކުރިއަށް ދާނޭގޮތް

ޔޫތު ސިޓީ ފުޓްސަލް ކަޕްގައި އަންހެން 16 ޓީމާއި ފިރިހެން 120 ޓީމު ބައިވެރިވެފައި ވާއިރު، ފިރިހެން ބައި ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ފުރަތަމަ ބުރުގައި 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުތަކުން މޮޅުވާ 30 ޓީމު ދެވަނަ ބުރުގައި ވާދަކުރާނެއެވެ. އެ 30 ޓީމުގެ ތެރެއިން 15 ޓީމަށް ގަދަ 16 އިން ޖާގަ ލިބޭ އިރު، އަނެއް ޖާގަ ލިބޭނީ އެ މެޗުތަކުން ބަލިވާ 15 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމެވެ. އެ ޓީމު ހޮވުމުގައި ގެންގުޅޭ އުސޫލުތަކުގެ ތެރޭގައި ޖެހި ގޯލާއި، ވަން ގޯލުގެ އަދަދަށް ބަލާނެއެވެ. އޭގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓުން ބަލިވާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ޓީމަށް އެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

"ޔޫތު ސިޓީ ފުޓްސަލް ކަޕް"ގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ: ފަޔާޒް މޫސާ

މުބާރާތުގެ އަންހެން ބައި ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައިވެސް ހަތަރު ޓީމު ވާދަކުރާނެއެވެ. ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، ކޮންމެ ގްރޫޕެއްގެ ވެސް ގަދަ ދެ ޓީމު ދަތުރުކުރާނީ ކުއާޓާއަށެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ބައިގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ބައިގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދޭނެއެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ޕާޓްނަރުން

  • ޑައިމަންޑް ޕާޓްނަރ: ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީމެކް)
  • ސިލްވަރ ޕާޓްނަރުން: ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ޗައިނާ ސްޓޭޓް)، ރެޑް ވޭވް، އެންސިސް.
  • ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރ: ޕީއެސްއެމް
  • އޮންލައިން މީޑިއާ ޕާޓްނަރ: ސަން މީޑިއާ ގްރޫޕް
  • ބެވަރޭޖް ޕާޓްނަރ: 100 ޕްލަސް
  • މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
  • ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • މޯލްޑިވްސް ޕޮލިސް ސާރވިސް
  • އިނޯކާ
  • އެފްޑަބްލިއު ކޮންސްޓްރަކްޝަން
  • ބެޗް ކޮންސްޓްރަކްޝަން
  • ސްނީ ސްޕޯޓްސް
  • ދަމާސް

https://ycfc.hdc.com.mv/

comment ކޮމެންޓް