އައިފޯނު 6އެސް އަގުހެޔޮކޮށް ވިއްކަން އެޕަލްއިން އިންޑިއާގައި ފެކްޓްރީއެއް ގާއިމްކުރަނީ

އައިފޯން 6 އެސް ---

އެޕަލްގެ އައިފޯނު 6އެސް އިންޑިއާގައި އަގުހެޔޮކޮށް ވިއްކުމަށް، ސައުތު އިންޑިއާގައި ފެކްޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް އެޕަލްއިން ފަށައިފިއެވެ.

ހަބަރުތައް ބުނާގޮތުން މި ފެކްޓްރީ ގާއިމް ކުރާނީ ބެންގަލޫރުގައެވެ. ދެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފެކްޓްރީ ގާއިމް ކޮށް ނިމޭނެ ކަމަށާއި މިއީ އެގައުމުގެ ރައްޔިތުންނަށް އެޕަލްގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭނެ ފުރުސަތު ފަހިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެޕަލްއިން ބުނެއެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެގައުމަށް އެތެރެކުރާ ސްމާޓުފޯނުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން މިދިޔަ ފެބްރުއަރީމަހު ނިންމައިފައެވެ. މި ނިންމުމާއެކު ސްމާޓުފޯނުގެ އަގު ވަނީ 20 ޕަސެންޓަށް އުފުލިފައެވެ.

އިކޮނޮމިކްސް ޓައިމްސްއިން ބުނާގޮތުގައި އެޕަލްއިން އިންޑިއާގައި އައިފޯނު އުފައްދަން ފަށައިފިނަމަ އެގައުމުގައި އައިފޯނުގެ އަގު ވަން ޕްލަސްގެ އަގު ނޫނީ ސެމްސަންގްގެ ބަޖެޓް ފޯނުތަކުގެ އަގާ އެއްވަރަށް ވެއްޓޭނެއެވެ.

އައިފޯނު އެކްސް އަދި 8 އާ އަޅާބަލާއިރު އިންޑިއާގެ މީހުންގެ މެދުގައި އައިފޯނު 6 އަދިވެސް މަގުބޫލެވެ. ސަބަބެއްކަމަށް ބެލެވެނީ ފަހުގެ ފޯނުތަކަށްވުރެ އައިފޯނު 6ގެ މޮޑެލްތައް އަގުހެޔޮވުމެވެ.

ކުރިއަށް އޮތްތަނުގައި އެޕަލްއިން އިންޑިއާގައި އައިފޯނުގެ އިތުރު މޮޑެލްތައްވެސް އުފައްދާނެ ކަމަށް ބެލެވެއެވެ. އިންޑިއާގެ ސްމާޓް ފޯނު މާކެޓަށް ބަލާއިރު އެޕަލްއަށް ލިބެނީ އެ މާކެޓްގެ ދެ ޕަސެންޓެވެ.

comment ކޮމެންޓް