ޖޭލޯގެ މޭކަޕް ލައިންގައި 70 ޕްރޮޑަކްޓެއް

ހޮލީވުޑްގެ ނަންހިނގާ ފަންނާނުންނެކޭ އެއްގޮތަށް ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް ވެސް މޭކަޕް ކޮސްމެޓިކްސްގެ ބާޒާރަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

ޖޭލޯގެ މޭކަޕް ލައިން މި މަހުގެ 26ގައި ލޯންޗުކުރާއިރު މި ލައިން ފަށައިގަންނާނީ 70 ޕްރޮޑަކްޓް އަކާއެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން ލޯރެއަލް ޕެރިސް ފަދަ ބްރޭންޑްތަކާއެކު އެތައް މިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައިވާ ޖެނިފާ ލޮޕޭޒް ބުނީ އަމިއްލަ މޭކަޕް ލައިނެއް ތައާރަފު ކުރަން މަސައްކަތް ކުރާތާ ލައްކަ ދުވަސް ވެއްޖެ ކަމަށެވެ.

ޖޭލޯގެ މޭކަލް ލައިންގައި އައިޝެޑޯ، ބްރައުންޒާ، ލިޕްސްޓިކް، އައިލައިނާ މަސްކަރާ އަދި ޕައުޑާ ހިމެނޭނެއެވެ. މި ލައިންގައި ހިމެނޭނީ ޝިމާ ނޫޑް އަދި ގޯލްޑްގެ ޝެޑޯތައް ކަމަށް ހަބަރުތައް ބުނެއެވެ.

ޖޭލޯގެ މޭކަޕް ލައިންގައި ހިމެނޭނީ އަގުހެޔޮ ޕްރޮޑަކްޓުތަކެއް ކަމަށާއި އެންމެ އަގުބޮޑު ޕްރޮޑަކްޓަކީވެސް 49 ޑޮލަރުގެ، އަމިއްލައަށް ޕާސަނަލައިޒް ކޮށްލެވޭނެ މޭކަޕް ޕެލޭޓެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ކައިލީ ޖެނާ އާއި ކިމް ކާޑޭޝަން ފަދަ ސެލެބްރިޓީންގެ މޭކަޕް ލައިން އިން ވިއްކާ އުފެއްދުންތަކަށް ވުރެ މި އުފެއްދުންތައް މާ ބޮޑަށްވެސް އަގުހެޔޮވާނެ އެވެ.

މި އުފެއްދުންތައް ރިލީޒްކުރުމާއެކު ޖޭލޯގެ ވެބްސައިޓުން ގަނެލެވޭނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އިންގްލޮޓްގެ 755 އައުޓްލެޓަކުންނާއި މޭސީސް ސްޓޯސްގެ 25 އައުޓްލެޓަކުން ވެސް ޖޭލޯގެ މޭކަޕް ލައިންގެ އުފެއްދުންތަައް ގަންނަން ލިބޭނެ އެވެ.

ޖޭލޯ ވަނީ އޭނާގެ އަމިއްލަ ލޭބަލްގެ ދަށުން ސެންޓުވެސް ވިއްކައިފައެވެ.

comment ކޮމެންޓް