މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް: 13 ގަރުނަށް ވުރެ ޒަމާންވީ ގުޅުމެއް!

ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބުރިޖު: މިއީ ޗައިނާގެ ހިއްސާއާއެކު ރާއްޖޭގައި މިހާރު ކުރިއަށް ދާ އެންމެ ބިޔަ އެއް މަޝްރޫއު--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުން މި ފަހުގެ ތާރީޚުގައި ވަނީ ވަރަށް ވަރުގަދަ ވެފަ އެވެ. ރާއްޖެއާ މެދު އެކި ގޮތްގޮތުން ޝައުގުވެރިވާ ބައެއް ގައުމުތަކުން އެކަމާ، "މޭކަރާތީ" މީޑިއާތަކުގައި އެވާހަކަ ދައްކާ ވަރުވެސް މަދެއް ނޫނެވެ. ހަގީގަތަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު މިފަދަ ވަރުގަދަ ގުޅުމެއް ގާއިމު ވެފައި މިވަނީ އިއްޔެ އަކު އިހައްދުވަހަކު ނޫންކަމެވެ. މި ގުޅުމަށް ހަގީގަތުގައި ވީ 46 އަހަރެއް ނޫނެވެ. ތޭރަ ސަތޭކަށް އަށް ވުރެ ގިނަ އަހަރަށް މި ގުޅުން ވަނީ ދެމިގެން ގޮސްފަ އެވެ.

އިހު ޒަމާނުއްސުރެ ދިވެހިރާއްޖެ އަށް ގިނައިން ދަތުރުކޮށް އުޅުނު ބަޔަކަށް ޗައިނާގެ މީހުންވެ އެވެ. ޗައިނާ އަށް ދިވެހީން ކިޔައި އުޅުނީ "ސީނުކަރަ" އެވެ. ޗައިނާ އަށް ދިވެހީން ޚާއްޞަ ނަމެއް ކިޔައިއުޅުނު ކަމުން ދޭހަވަނީ، އޭރު ވެސް ދިވެހީން ޗައިނާގެ ވަޒަންވެރީން ދަންނަ ކަމެވެ.

ރާއްޖެ އައި ޗައިނާގެ އަސްކަރީ މަނަވަރަށް ކާނަލް މުހައްމަދު އިބްރާހިމް ޒިޔާރަތްކުރެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ ތާރީޚު ލިޔުއްވި މުވައްރިޚުންނަށް ބޭރުގެ ލިޔުންތައް ލިބިވަޑައިގެންފައި ނުވާތީ، ދިވެހީންގެ ތާރީޚީ ލިޔުންތަކުގައި މި ވާހަކަތައް ލިޔެވިފައި ނެތީ އެވެ. ޗައިނާ އާއި ދިވެހި ރާއްޖެއާ ދެމެދުގައި އެތައް ޒަމާނެއް ވަންދެން ވިޔަފާރި ހިނގާފައިވާކަމަށް ހެކިދެނީ، ރާއްޖޭގެ ރަށްރަށުން ފެނިފައިވާ އަދި ފެންނަމުންދާ ޗައިނާގައި ހަދާފައިވާ ތަށިތަކުންނާއި ބޭރުގެ ލިޔުންތެރީންގެ ލިޔުއްވުންތަކުންނެވެ. ރާއްޖޭގެ ތާރީޚަށް ބަލާ އިރު، މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގައި ލިޔެފައިވާ އިސްދޫ ލޯމާފާނުގެ ލިޔުމުން، ޗައިނާ އިން ގެންނަ ފަށުވި ފޮތި، ގޭގޭގައި ދަމާއުޅުނުކަން އެނގެ އެވެ. މި ތަކެތި ދިވެހީންނަށް ލިބިފައި ވަނީ ވިޔަފާރި ދަތުރުކުރަން ރާއްޖެ އައި ޗައިނާ މީހުން އަތުންނެވެ.

މި ފަހުގެ ތާރީޚަށް ބަލާއިރު ވެސް ދިވެހިންނާ ގާތް ގުޅުމެއް އުފެއްދުމަށް ޗައިނާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. ތާރީޚީ ގޮތުން ބަލާއިރު އަޅުގަނޑުމެންގެ ރާއްޖެ އާއި ޗައިނާއާ ދެމެދު ޒަމާނުއްސުރެ ގާތްގުޅުމެއް އުފެދިފައިވެ އެވެ. ދިވެހިރާއްޖެއާއި ޗައިނާ ކިތަންމެ ތަފާތުވިޔަސް ދެޤައުމުގެ ރައްޔިތުންނަކީ ވެސް، އެތައް ސާސްކަފަކަށް ދެމިގެންގޮސްފައިވާ ތަހްޒީބެއްގެ އަހުލުވެރިންނެވެ. ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ ބޮޅުތައް މީގެ އެތައް ޤަރުނެއްގެ ކުރިއަށް ދެމިގެން ގޮސްފައިވެ އެވެ. މިި ގުޅުންތަކާ ބެހޭ މައުލޫމާތު ޗައިނާގެ އެކިއެކި ތާރީޚް ފޮތްތަކުން އެނގެން އެބަހުއްޓެވެ.

ރާއްޖެ އައި ޗައިނާގެ އަސްކަރީ މަނަވަރަށް ކާނަލް މުހައްމަދު އިބްރާހިމް ޒިޔާރަތްކުރެއްވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ވާހަކަ އެންމެ ފުރަތަމަ ލިޔުނު ޗައިނާ މީހަކީ ބުދު ދީނުގެ ފާދިރީއެއްކަމަށްވާ ޔުވާން ޗުވާންގް އެވެ. މީލާދިން 629 އާއި 645ގެ ދެމެދުގައި އޭނާ އިންޑިއާގައި ދީން ކިޔަވަން އުޅުނު އުޅުމުގައި ރާއްޖެއާ ބެހޭ މައުލޫމާތު އެއްކުރި އެވެ.

މީލާދިން 1422ގައި ޗައިނާގެ ދަތުރުވެރިން ކުރި އިންޑިއާ ކަނޑުގެ ސާވޭއެއްގައި ރާއްޖޭގެ ވާހަކަ ލިޔެފައިއޮތެވެ. އެމީހުން ރާއްޖެ ސިފަކޮށްފައި ވަނީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގަ އެވެ. އީސާގެފާނުގެ ފަސް ޤަރުނުކުރިން ލިޔެފައި އޮތް ޗައިނާގެ ތާރީޚް ފޮތެއްކަމަށްވާ ޝޫޗިންގައި "ރޮތީ ތައުޒަންޑް ވީކް ވޯޓާސް"ގެ ވާހަކަ ލިޔެވިފައި އޮތެވެ. ބައެއް މުހައްރިރުން ދެކޭ ގޮތުގައި އެފޮތުގައި ބަޔާންކޮށްފައިވާ މިވާހަކަ ނިސްބަތް ކުރަނީ ދިވެހިރާއްޖެ އަށެވެ. އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން ވެސް ޗައިނާ މީހުން އިންޑިއާ ކަނޑުގަ އާއި ރަތްކަނޑު އަދި ގަލްފް ސަރަހައްދުގައި ދަތުރުކޮށްފައިވާކަން ރެކޯޑްކުރެވިފައި ވާތީ އިންޑިއާ ކަނޑުގައި އެވާ "ވީކް ވޯޓަރސް" އަކީ ދިވެހިރާއްޖެ ކަމަށް ބުނެވެ އެވެ.

އެޑްމިރަލް ޗަންގް އަރިހަށް ދަތުރުކުރެއްވި މާހައުނާ ފޭޗިންގްގެ ލިޔުއްވުމުން، މީގެ އެތައް ޤަރުނެއްގެ ކުރިން ވެސް ދެ ގައުމުގެ ރައްޔިތުނެގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ކުރަމުން ގޮސްފައިވާ އިޙްތިރާމް ރަނގަޅަށް ދޭހަވެ އެވެ. ސީނުކަރައިގެ އިހުގެ ތާރީޚުގައި އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 500 އަހަރު ކުރީގެ ލިޔުންތަކުގައި، ދިވެހިރާއްޖޭގެ ވާހަކަ ހިމަނުއްވާފައިވެ އެވެ. މިގޮތުން ދިވެހިރާއްޖެއަށް ނިސްބަތްކޮށް "މަޑު ކަނޑުތައް" މިނަން ބޭނުންކޮށްފައިވެ އެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ޗައިނާގައި ފާހަގަކުރުން -- ފޮޓޯ/ ރައީސް އޮފީސް

މާހައުން، އޭނާގެ ޑައިރީގައި ފަނަރަވަނަ ޤަރުނުގެ ތެރޭގައި ރާއްޖެއަށް ނިސްބަތްކޮށް މިނަން ލިޔުއްވާފައިވެ އެވެ. މީލާދިން 1422 ވަނަ އަހަރު މާއެކުން ތައްޔާރުކުރި ޗާޓްގައި މާލެއިން ފުރައިގެން މަގުދިސާއަށާއި ކުމެރިއަށާއި ކޮއިލާނަށް ދަތުރުކުރުމުގައި ބޭނުންކުރާނެ ފަލަކީ މައުލޫމާތާއި ދަތުރަށް ދާނޭ ދުވަސްތަކުގެ އަދަދަށް ދަންދެން ބަރާބަރަށް ބަޔާންކޮށްފައިވެ އެވެ. މާހައުންގެ ލިޔުންތަކުގައި ބުނާ ގޮތުން ރާއްޖޭގެ އެންމެންނަކީ ވެސް މުސްލިމުންނެވެ. އިސްލާމްދިނުގައި ވާގޮތަށް ކައިވެނިކުރުމާއި އެހެނިހެން ކަންތައްތައް އޭރު ވެސް ރާއްޖޭގައި ކޮށްއުޅުނެވެ. އަންހެނުން ހަށިގަނޑު ނިވާކުރި އެވެ. ކާށި ވަރަށްގިނަ އެވެ. ނާށިން ހަދާފައިވާ ދިޔާއެއްޗެހި އަޅާނެކަންވާރު ވަރަށްގިނަ އެވެ. ބޮނބިން ރޯނުހަދައި ބޭރު މީހުންނަށް އެރޯނު ވިއްކަ އެވެ. އަދި މިރޯނުން ފަހައިގެން ދޯނިފަހަރު ހަދަ އެވެ. މާވަހަރާއި ބޮއްޔަކީ ރާއްޖެއިން ވަރަށްގިނައިން ލިބޭ އެއްޗެކެވެ.

ޗައިނާގެ އެހެން ލިޔުންތެރިޔަކު ކަމުގައިވާ ހުއާންގް ޝެންގްޒެން އަޅުގަނޑުމެންގެ ފައިސާއާމެދު ލިޔެފައިވެ އެވެ.

"އެމީހުން (ދިވެހިން)ގެ ރަސްގެފާނު ރިހިން ފައިސާ ޖައްސަވަ އެވެ. އޭގެ ބަރުދަނަކީ ދެފެން، ތިން ލީއެވެ. މިއީ 13.23 ގްރޭން ނުވަތަ 0.0275 އައުންސެވެ.

މިންގް ޑައިނެސްޓީގެ ދުވަސްވަރު (1368 މ އިން 1644މ އަށް) ހުއާން ޒިއެންޒިން (1522މ ން 1566މ އަށް) ލިޔުނު ފޮތެއްކަމަށްވާ "ޒިއެންގް ޗައޮގޮންގ ޑިއަން" (ހުޅަނގުގައިވާ ބޭރުގެ ރަށްރަށުންގެނައި ޖިޒީގެ ދަފްތަރު)ގައި ލިޔެފައިވެ އެވެ.

"އެރަށްތަށްވަނީ "ޝިޔާއޯމާއޯ" (ސިލޯނުގެ) ހުޅަނގުދެކުނުގަ އެވެ. ގާތްގަނޑަކަށް 200 ޅީ (1 ޅީ=2/1 ކިލޯ މީޓަރ) ދުރުގަ އެވެ."

މީލާދީން 1645 އަހަރާއި 1739 އާ ދެމެދު ލިޔެވުނު ޗެންގް ޑައިނެސްޓީގެ ރަސްމީ ތާރީޚް ފޮތުގައި ޗެންގް ޓިއެންގް ޔޫ ލިޔުއްވާފައިވެ އެވެ.

"ސިލޯނުގެ ހުޅަނގު ދެކުނަށް ރަނގަޅު ވައިގައި ދަތުރުކުރާ ނަމަ ހަތް ދުވަހުން އާދެވޭނީ "ލިޔޫ ޖަޒީރާ" ތަކަށެވެ. ސުންމަތުރާ އިންނަމަ އާދެވޭނީ 10 ދުވަހުންނެވެ.

އެމްޕަރާ ޔޮންގް ލޯގެ ރަސްކަމުގެ ފަސް ވަނަ އަހަރު ދިވެހީންގެ ވަޒީރަކު ސަފީރެއްގެ ގޮތުގައި އެމްޕަރާގެ ދަރުބާރަށް އަ އެވެ. އަދި ހަމަ އެމްޕަރާ ޔޮންގް ލޯގެ ރަސްކަމުގެ 10 ވަނަ އަހަރު ޗެންގް ހޯ ސަފީރެއްގެ ގޮތުގައި މިރަށްތަކަށް ފޮނުވުނެވެ. އެމީހުންގެ ރަސްގެފާނު ޔޫސުފްގެ ވެދުމާއިގެން އައިސަފީރެއް ޗައިނާއަށް އަ އެވެ. އޭގެފަހުން ތިން ފަހަރު އެމީހުންގެ ސަފީރުން ޗައިނާއަށް އަ އެވެ. ޒުއާ ޑީގެ ރަސްކަމުގެ ފަސް ވަނަ އަހަރު ސަފީރެއްގެ ގޮތުގައި ޗެންގް ހޮންގް އެ ރަށްތަކަށް ދިޔަ އެވެ. އޭގެ ފަހުން ސަފީރަކު ނާދެ އެވެ."

މިވާހަކަތަކުން އެއްވެސް ޝައްކެތްނެތް ގޮތުގައި ޤަބޫލުކުރެވެނީ ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު މާޒީގައި ގުޅުންތަކެއް ހުރިކަމެވެ. އެއީ ހަމައެކަނި ވިޔަފާރީގެ ގުޅުމެއްނޫން ކަމެވެ. ސިޔާސީ ގުޅުންތަކެއް ވެސް ހުރިކަމެވެ. މިނިވަން ޤައުމެއްގެ ސަފީރަކު އެ ޤައުމެއްގެ ރަސްކަލަކު ފޮނުއްވާ ވެދުމަކާގެން އަނެއް ޤައުމެއްގެ އެންމެމަތީ ވެރިޔަކާ ބައްދަލުވާ ބީދައިން ދިވެހިރާއްޖޭގެ ރަސްރަސްކަލުން ވެސް ޗައިނާގެ ރަސްގެފާނަށް ވެދުން ފޮނުއްވެވިކަމެވެ. އެޒަމާނުގައި ވެސް ރާއްޖެއަކީ ފުރިހަމަ މިނިވަން ޤައުމެއްކަމެވެ. އަޅުގަނޑުމެންގެ މިނިވަންކަމަކީ އެއޮއް ބޮޑު ޗައިނީޒް އެމްޕަޔަރ ވެސް ޤަބޫލުކުރި މިނިވަންކަމެއްކަމެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ޗައިނާގައި ފާހަގަކުރުން -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާގެ ޤަދީމީ ތާރީޚް ފޮތްތަކުގައި ރާއްޖޭގެ ވާހަކަ ލިޔެވިފައި އޮތަސް، އަދި ޗައިނާގެ ދަތުރުވެރިން ރާއްޖެއައިސް، އެމީހުންގެ ޗާޓްތަކުގައި ރާއްޖެ މާކްކޮށްފައިވީ ނަމަވެސް އަދި ދިވެހިރާއްޖެއާއި ޗައިނާ ދެމެދު އެތައްސަތޭކަ އަހަރުގެ ގުޅުންތަކާއި، މުއާމަލާތުތަކެއް ހިނގާފައިވީ ނަމަވެސް ދެޤައުމުގެ ދެމެދުގެ އާޒަމާނުގެ ގުޅުން ރަސްމީ ފެންވަރުގައި ޤާއިމް ކޮށްފައިވަނީ 19 އޮކްޓޯބަރު 1972 ގައެވެ.

މި ގުޅުން ޤާއިމް ކުރުމަށް ފަހު ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އެކުވެރިކަމާއި އެއްބާރުލުމުގެ އެގްރިމެންޓްތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި 1981 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން އެގްރިމެންޓާއި 1984 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހާއި 1997 ވަނަ އަހަރުގެ މެއި 4ގައި ސޮއިކުރި ވިސާ މަޢާފް ކުރުމުގެ އެގްރިމެންޓް ފާހަގަކޮށްލެވެ އެވެ. ނަވާރަސަތޭކަ އަށް އަށްޑިހައެއް ވަނަ އަހަރު ސޮއިކުރެވުނު އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން އެގްރިމެންޓްގެ ފަހުން 1990 ވަނަ އަހަރާއި 2000 ވަނަ އަހަރާއި ދެމެދު މިފަދަ އިތުރު އެގްރިމެންޓްތައް ކުރެވި، އެ އެގްރިމެންޓްތަކުގެ ދަށުން ޗައިނާ ސަރުކާރުން ރާއްޖެއަށް އެހީ ފޯރުކޮށްދެއްވާފައިވެ އެވެ.

މިފަދަ އެހީ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މާލޭގައި ފްލެޓް ބަރިތަކެއް އިމާރާތްކުރުމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ފްލެޓްބަރިތަކެއް އިމާރާތްކުރެވި އިތުރު ފްލެޓްތަކެއްގެ މަސައްކަތް ޗައިނާ ސަރުކާރުގެ އެހީގައި ދަނީ ކުރެވެމުންނެވެ. ހަމަ މިއާ އެކު ސަރުކާރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކަށް ޗައިނާ ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހުރިހާ އެއްބަސްވުންތަކުގެ އިތުރަށް އެންމެ ފާހަގަ ކޮށްލެވެނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. މީގެ އިތުރުނ 2017 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި އިތުރު 12 އެއްބަސްވުމެއް ވަނީ އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ވެވުނު އެއްބަސްވުމަކާއި އިގްތިސާދީ ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުމެއްގެ އިތުރުން ސިއްހީ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތައް އަދި ތައުލީމީ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުންތައް ހިމެނެ އެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ޗައިނާގައި ފާހަގަކުރުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ އެމްބަސީއެއް ޗައިނާގައި ގާއިމް ކޮށްފައިވަނީ 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ގާއިމް ކޮށްފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެމްބަސީ ގާއިމް ކުރިފަހުން ދެ ގައުމުގެ ދެމެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ގިނަ ޕްރޮގްރާމުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވި، މި ވޭތުވެދިޔަ 46 އަހަރު ތެރޭގައި މަތީ ފެންވަރުގެ ވަފްދުތައްވަނީ ދެޤައުމުގެ ދެމެދުގައި ބަދަލުކުރެވިފަ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ދަތުރުފުޅަކީ ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް 1984 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ން 28 އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެވެ. މިއީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރުމަށް ފަހު، ޤައުމެއްގެ އިސްވެރިޔެއް އަނެއް ޤައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ޗައިނާއަށް ދަތުރެއް ކުރެއްވި އެވެ. މިއީ 1984ގެ ފަހުން ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅެވެ. ނަމަވެސް ދެ ޤައުމުގެ އިސްވެރިންގެ ވަފްދުތައް މި މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސަތަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅެވެ. މިގޮތުން ޗައިނާގެ ރައީސަކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންފައިވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައެވެ. މިގޮތުން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިން ޕިން ރާއްޖެ ވަޑައިގަތެވެ. މި ދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިހުނައްވުރެ ބަދަހިވެގެން ގޮސްފައިވެ އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން ދިވެހި ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއު ކަމަށްވާ "ހުޅުލެ – މާލެ ބްރިޖް" މަޝްރޫއަށް ޗައިނާއިން ޚާއްސަ އެހީރެތިކަމެއް ފޯރުކޮށްދެން ނިންމެވި އެވެ. ހަމަ މިއާއެކު، ޗައިނާގެ ރައީސް ޝީގެ އެންމެ ބޮށު ހުވަފެންފުޅު ކަމަށްވާ، ޗައިނާގެ މެރިޓައިމް ސިލްކް ރޫޓް މަޝްރޫއަށް ރާއްޖެއިން އެއްބާރުލުންދޭން ނިންމި ނިންމުން ފާހަގަކޮށްލެވެ އެވެ.

ނަތީޖާއެއްގެ ގޮތުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފަ އެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ދިމާވާ ގޮންޖެހުންތަކުގައި ޗައިނާ އިން އަންނަނީ ރާއްޖެއަށްއެހީތެރިވަމުންނެވެ. ފާއިތުވި ހަތަރު އަހަރެއްހައި ދުވަހުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފަ އެވެ.

28 ޑިސެމްބަރު 2016: ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، "ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުން---ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ބައިވެރީންނަކީ، ޗައިނާ އެވެ. ޗައިނާ މޯލްޑިވްސް-ފްރެންޑްޝިޕް ބްރިޖާއި، އެއާޕޯޓްގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ހުޅުމާލޭގެ ތަރައްގީގެ މަޝްރޫއުތަކާއި، ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ވެސް ޗައިނާގެ ބައިވެރިވުމާ އެކު ގިނަ މަޝްރޫއުތަކެއް ކުރިއަށް ދާކަން ފާހަގަކޮށްލަން ޖެހެ އެވެ.

ނަތީޖާއެއްގެ ގޮތުން ކުރިން ވެސް ފާހަގަކުރި ގޮތަށް އެކަމާ މޭކަރާ ބަޔަކު ވެސް އެބަތިއްބެ އެވެ. ހާއްސަކޮށް ދެގައުމުގެ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު އިންޑިއާ އިން ރާއްޖެ އާއި ޗައިނާގެެ ގުޅުމާމެދު ދެއްކި ވާހަކަތަކަކީ ތިން ގައުމުގެ މީޑިއާގައި ވެސް ބާރަށް ދެކެވުނު ވާހަކަތަކެކެވެ.

ރާއްޖެ- ޗައިނާ ގުޅުމަށް އިންޑިއާ އިން ނުރުހިފައިވަނިކޮށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވެފައި ވަނީ އިންޑިއާ އަކީ ރާއްޖޭގެ އެއްބަނޑު އެއްބަފާ އަޚެއް ނަމަވެސް ޗައިނާ އަކީ ރާއްޖޭގެ "ލޯންގް ލޮސްޓް ކަޒިން" އެއް ކަމަށެވެ. އަދި އިންޑިއާގެ ކަންބޮޑުވުންތަކާއެކު ވެސް ޗައިނާ-ރާއްޖެ ގުޅުން ކުރިއަށް ގެންދަވާނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.

"ޗައިނާ އަކީ ރާއްޖޭގެ ގެއްލިފައިވާ ދެބެންގެ ދެދަރި ގައުމެއް. ރާއްޖެއިން ޗައިނާ އާއެކު ގުޅުން ބަދަހި ކުރާނަން. ޗައިނާއިން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުން،" ފައިސަލް ވިދާޅުވި އެވެ.

ޗައިނާއިން ގާއިމްކުރާ 21 ވަނަ ގަރުނުގެ ސިލްކް ރޫޓަށް އެއްބާރުލުން ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްމަކީ ވެސް ދެ ގައުމުގެ ދެމެދު އޮތް ބަަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. ޗައިނާގެ "ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް" މަޝްރޫއުގައި ރާއްޖެއަކީ މުހިއްމު ބައިވެރިއެއްކަމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިން ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ޒިންހުއާ ނިއުސް

ސިލްކް ރޯޑް މަޝްރޫއަކީ އޭޝިއާ، އެފްރިކާ، ޔޫރަޕު އަދި އެހެން ސަރަހައްދުތަކާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރުމަށް ޗައިނާއިން އިއުލާންކުރި މަޝްރޫއެކެވެ. އެ އިގުތިސާދީ ޕްލޭނުގެ ދަށުން ތިން ބައްރު ގުޅުވާލެވޭ އާ މަގެއް ތައާރަފްކުރާނެ އެވެ. އެގޮތުން އިންޑިއާ ކަަނޑު ހުރަސްކޮށް ހުޅަނގަށް ޗައިނާގެ މުދާ އުފުލާ މަގުތަކުގައިވާ ބަނދަރުތަކަކީ ޗައިނާއިން ބިނާކޮށް، އެ ގައުމުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ބަނދަރުތަކަކަށް ހަދައި، އެއްގަމު މަގުން ޔޫރަޕާއި އެފްރިކާގެ ގައުމުތަކަށް ޗައިނާގެ މުދާ ފަސޭހައިން އުފުލޭނެ ގޮތް ހަދާނެއެވެ.

އެ މަޝްރޫއުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި 2014 ވަނަ އަހަރު ރާއްޖެއިން ވަނީ ސޮއިކޮށްފަ އެވެ.

އެހާރާއި މިހާރު ރާއްޖެ އާއި ޗައިނާ އާއި ދެމެދު ހިނގާފައިވާ މި މުއާމަލާތްތަކުގެ އަލީގައި ދޭހަވަނީ ބަޔަކު ހަސަދަވެރިވާ ގުޅުން އުފެދިފައިވަނީ އިހަކަށްދުވަހަކު ނޫންކަމެވެ. އެތައް ގަރުނެއް ކުރިން ދެގައުމުގެެ ދެމެދު ސިޔާސީ ގުޅުން ވެސް ބަދަހިވެފައި އޮތްކަމެވެ. ތަރައްގީގެ މައިދާނުގައި ރާއްޖޭގެ އަތުގައި ހިފައިގެން ޗައިނާ އިން ކުރިއަށްދާ ކުރިއެރުމާމެދު ބަޔަކު ހަސަދަވެރިވާން ޖެހޭ އެއްވެސް ޖާގައެއް ނެތްކަމެވެ.

comment ކޮމެންޓް