"102 ނޮޓް އައުޓް" އަށް އަމީތާބް އަދި ރިޝީ ވެސް ލަވަ ކިޔަނީ!

އަމީތާބް ބައްޗަން އަދި ރިޝީ ކަޕޫރު--

އުމޭޝް ޝުކްލާގެ "102 ނޮޓް އައުޓް" އަށް އަމީތާބް ބައްޗަން އަދި ރިޝީ ކަޕޫރު ވެސް ލަވަ ކިޔައިދޭން އެއްބަސްވެއްޖެ އެވެ.

އެ ފިލްމުގައި އަމީތާބް އަދާކުރާނީ އުމުރުން 102 އަހަރުގެ މީހެއްގެ ރޯލެވެ.

އަދި ރިޝީ ފެނިގެންދާނީ އަމީތާބްގެ ދަރިފުޅުގެ ރޯލުންނެވެ. ފިލްމުގައި އަމީތާބުގެ އަޑުން ކިޔައިދީފައިވާ ދެ ލަވަ ހިމެނޭ އިރު، ފިލްމަށް ލަވަ ކިޔައިދޭން ރިޝީ އެއްބަސްވީ ވަރަށް ފަހުންނެވެ. ފިލްމުގެ ލީޑު އެކްޓަރުން ލައްވައި ލަވައެއް ކިޔުއްވަން ނިންމީ ފިލްމުގެ ޝޫޓިން ނިންމާލި ދުވަހު އެވެ.

އެ ޚިޔާލަށް އަމީތާބު ވަގުތުން ތާއީދުކޮށް، ލަވަ ކިޔަން އެއްބަސްވި ނަމަވެސް، ރިޝީ ވަނީ އޭނާ އަށް ލަވަ ނުކިޔޭނެ ކަމަށް ބުނެ ލަވަ ކިޔަން ފުރަތަމަ ދެކޮޅު ހަދައިފަ އެވެ.

އެހެން ނަމަވެސް، މިހާރު ރިޝީ ވެސް ލަވަ ކިޔަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، ރިޝީއާއި އަމީތާބްގެ އަޑުން އިވިގެން ދާނީ 'ބަޑަމްބާ' ކިޔާ ލަވައެކެވެ. އެއީ ނަށާލާ ކަހަލަ އަޕްބީޓް ލަވައެއް ކަމަށްވެ އެވެ.

'102 ނޮޓް އައުޓް' އަކީ ގިނަ ދުވަސްތަކަކަށް ފަހު އަމީތާބްއާއި ރިޝީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ދެ މީހުން އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 1991 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'އަޖޫބާ' އިންނެވެ.

އަމީތާބްއާއި ރިޝީ ވަނީ 'ނަސީބް'، 'ކަބީ ކަބީ' އަދި 'އަމަރް އަކްބަރް އެންތަނީ' ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ދެ މީހުން މީގެ ކުރިން ފެނިގެން ގޮސްފައި ވަނީ ދެބެންގެ ގޮތުގަ އެވެ. އެހެންކަމުން މިއީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ފިލްމުގެ ޓްރެއިލާ ވެސް މިހާރު އާންމުކޮށްފައިވާ އިރު، ފިލްމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފިލްމު ރިލީޒް ކުރާނީ މެއި ހަތަރެއްގަ އެވެ.

comment ކޮމެންޓް