ސައުދީގެ އަންހެނުންނަށް ފުރަތަމަ ފަހަރަށް ބައިސްކަލް ރޭހެއް

ސައުދީގައި ބޭއްވި އަންހެނުންގެ ބައިސްކަލް ރޭސް --- ފޮޓޯ: އިންސްޓަ ގްރާމް/ ޖިއްދާ ވިމެން

ސައުދީ އަރަބިއާގެ އަންހެނުންނަށް ހާއްސަކޮށްގެން އެގައުމުގައި ފުރަތަމަ ފަހަރަށް ބައިސްކަލް ރޭހެއް ބާއްވައިފިއެވެ.

މިދިޔަ އަންގާރަދުވަހު ޖިއްދާ ގައި ބޭއްވި މި މުބާރާތުގައި 47 އަންހެނުން ބައިވެރިވެ، 10 ކިލޯ މީޓަރުގެ ރޭހެއް ވަނީ ފުރިހަމަ ކޮށްފައެވެ.

މި މުބާރާތަކީ ބައިސްކަލް ދުއްވާ އަންހެނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ޖަމްއިއްޔާ "ބީ އެކްޓިވް" އިން އިންތިޒާމު ކުރި ހަރަކާތެކެވެ. އަލަށް ބޭއްވި މުބާރާތަށް ސައުދީގެ ކަނބަލުންގެ ފަރާތުން ލިބުނު ތަރުހީބު އެ ޖަމްއިއްޔާ އިން ވަނީ ފާހަގަ ކޮށްފައެވެ.

ސަރުކާރުގެ ވުޒާރަތަކާވެސް ގުޅިގެން ކުރިއަށް ގެންދިޔަ މިމުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކާއި ތައްޓާއި މެޑަލް ހަވާލުކުރީ ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީން އިންނެވެ.

ސައުދީގެ އަންހެނުންނަށް ބައިސްކަލް ދުއްވުމުގެ ހުއްދަ އެގައުމުގެ ސަރުކާރުނ ދިނީ 2013 ވަނަ އަހަރުއެވެ. ނަމަވެސް ކަނބަލުންނަށް ބައިސްކަލް ދުއްވުމުގެ ހުއްދަ އޭރު ދިނީ މަހުރަމަކާއެކު، ގަޔަށް ދޫ ނިވާވާވަރުގެ ހެދުމެއް ލައިގެންނެވެ.

ސައުދީގެ ފުރަތަމަ އޮޕެރާ ހައުސް ހުޅުވާނެކަންވެސް ހޯމަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. 35 އަހަރަށް ފަހު އެގައުމުގެ ސިނަމާތައްވެސް ހުޅުވަން ވަނީ ތައްޔާރުވެފައެވެ.

ސައުދީ ސަރުކާރުން "ވިޒަން 2030" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުން އެ ގައުމަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

comment ކޮމެންޓް