ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރިވާސް ވެންޑިން މެޝިން ބަހައްޓަނީ

ހުޅުމާލޭ ސެންޓްރަލް ޕާކު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކުގައި ރިވާސް ވެންޑިން މެޝިން ބެހެއްޓުމަށްޓަކައި އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އިން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ބޭނުންވާގޮތަށް ރިވާސް ވެންޑިން މެޝިން ބަހައްޓާނެ އިމާރާތެއް ހެދުމަށް ބޭނުންވާ ކަމަށެވެ.

ރިވާސް ވެންޑިން މެޝިންގެ އިމާރާތް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރުމަށްފަހު އަންނަ އަންގާރަ ދުވަހުގެ ކުރިން އަގު ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެއެވެ.

ރިވާސް ވެންޑިން މެޝިނަކީ ހުސްކުރި ދަޅު އަދި ކުނި އެއްކުރުމަށް ތައްޔާރުކޮށްފައިވާ މެޝިނެކެވެ. އަދި އެތަކެތި ފޯރުކޮށްދޭ މީހުންނަށް ބަދަލުގައި އެ މެޝިން މެދުވެރިކޮށް ފައިސާ ލިބޭނެއެވެ.

comment ކޮމެންޓް