ސެމީގައި ރެއާލްއާ ބަޔާން، ލިވަޕޫލް ނުކުންނާނީ ރޯމާއާ ދެކޮޅަށް

މިއަދު ބޭއްވި ޗެމްޕިއަންސް ލީގުގެ ގުރުއަތުގެ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއި ޖަރުމަންގެ ބަޔާން މިއުނިކް ވާދަކުރާން ޖެހުނުއިރު އިނގިރޭސި ވިލާތުގެ ލިވަޕޫލް އާ ދެކޮޅަށް އިޓަލީގެ އޭއެސް ރޯމާ ވާދަކުރަން ޖެހިއްޖެއެވެ.

ސްވިޒަލޭންޑް ނިއޯންގައި ހުންނަ ޔޫއެފާ ހެޑްކުއާޓާސްގައި މިއަދު ކުރިއަށްދިޔަ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ގުރުއަތު ނަގައިދިނީ، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ އެމްބެސެޑަރު، ކުރީގެ އޭސީ މިލާންއާއި ޗެލްސީ އަދި ޑައިނަމޯ ކިއޭވްގެ ފޯވަޑް އަންދްރޭސް ސެވްޗެންކޯއެވެ.

ބަޔާނުން ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ސެވިއްޔާ ކަޓުވާލުމަށްފަހުގައެވެ. ރެއާލްއިން ސެމީގެ ޖާގަ ކަށަވަރުކުރީ އިޓަލީގެ ގަދަ ބާރު، ޔުވެންޓަސް ކަޓުވާލުމަށް ފަހުގައެވެ.

މިހާތަނަށް 12 ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިފައިވާ ރެއާލް ވަނީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިފައެވެ. އަދި އެންމެފަހުން ދެ ފަހަރުވެސް ޔޫރަޕްގެ ޗެމްޕިއަނުންނަކީ ރެއާލްއެވެ.

ބަޔާނުން ޗެމްޕިއަންސް ލީގު ފަސް ފަހަރަށް ކާމިޔާބު ކޮށްފައިވާ އިރު، އެންމެ ފަހުން ބަޔާނުން ތަށި އުފުލާލައިފައިވަނީ 2013 ވަނަ އަހަރުއެވެ. އިނގިރޭސި ވިލާތުގެ ވެމްބްލީގައި އެ އަހަރު ކުރިއަށްދިޔަ ފައިނަލްގައި ބަޔާންއިން ތަށި އުފުލާލީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ.

ބަޔާންއާއި ރެއާލްއަކީ ޔޫރޮޕްގެ މުބާރާތްތަކުގައި އެތަކެއް ފަހަރެއްގެ މަތިން ކުރިމަތިލާފައިވާ ދެ ޓީމެވެ. މިހާތަނަށް 22 ފަހަރު އެ ދެޓީމު ކުރިމަތިލާފައިވާ އިރު، 11 ފަހަރެއްގައި ކުރި ހޯދައިފައިވަނީ ބަޔާންއެވެެ. ދެ މެޗެއް އެއްވަރުވެފައިވާ އިރު، ރެއާލްއަށް ބަޔާން ބަލިކުރެވިފައި ވަނީ ނުވަ ފަހަރެއްގައެވެ.

މިއަދު ބޭއްވި ޗެމްޕިއަންސް ލީގުގެ ގުރުއަތުގެ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ބަޔާންއާއި ރެއާލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކޮށްފައި ވަނީ 2013-14 ވަނަ ސީޒަންގެ ސެމީ ފައިނަލްގައެވެ. އެ ފަހަރު ރެއާލްއިން ބަޔާންގެ މައްޗަށް ކުރި ހޯދީ އެގްރިގޭޓް 5-0ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްއަކީ އިގިރޭސި ކްލަބުތަކުގެ ތެރެއިން ޔޫރަޕްގައި އެންމެ ފާހަގަކޮށްލެވޭ ކްލަބެވެ. އެ ޓީމު ވަނީ ފަސް ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައެވެ.

ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކުޅެމުންދާ އިރު، އެންމެފަހުން ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައިވަނީ 2008 ވަނަ އަހަރުގައެވެ. އެ ސީޒަންގައި ލިވަޕޫލް ސެމީން ކެޓީ ޗެލްސީ އަތުން ބަލިވެގެންނެވެ.

ރޯމާ ސެމީއަށް ދަތުރުކުރީ ވަރުގަދަ ބާސެލޯނާ ކަޓުވާލުމަށް ފަހުގައެވެ. ފުރަތަމަ ލެގު ބާސާއިން 4-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮތް ނަމަވެސް ދެވަނަ ލެގުގައި ރޯމާއިން ވަނީ ފަހަތުން އަރައި ތިން ގޯލް ޖަހައި ބާސާ ކަޓުވާލައިފައެވެ.

މިހާތަނަށް ލިވަޕޫލްއާއި ރޯމާ ފަސް ފަހަރެއްގެ މަތިން ކުރިމަތިލާފައިވާ އިރު، ލިވަޕޫލްވަނީ އޭގެ ތެރެއިން ތިން މެޗެއް ކާމިޔާބުކޮށްފައެވެ. އެއް މެޗު އެއްވަރުވެފައިވާ އިރު، ރޯމާއިން ލިވަޕޫލް ބަލިކުރީ 2001 ވަނަ އަހަރު ޔޫރޮޕާ ލީގުގައި އެ ދެޓީމު ކުޅުނު މެޗުންނެވެ.

މިއަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގު އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. ސެމީގެ ދެވަނަ ލެގު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ގައެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް އަންނަ މެއި މަހު 26 ވަނަ ދުވަހު ޔޫކުރެއިންގެ ކިއޭވްގައެވެ.

comment ކޮމެންޓް