ލަންކާގެ ޕާލިމަންޓު އަންނަ މަހު އަށަކާ ހަމައަށް ސަސްޕެންޑްކޮށްފި

ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ---

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އެގައުމުގެ ޕާލިމަންޓު އަންނަ މަހު އަށަކާ ހަމައަށް ސަސްޕެންޑްކޮށްފިއެވެ.

ލަންކާގެ ސަރުކާރުން ރައީސާ ހަވާލާދީ ބުނީ، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ޕާލިމަންޓްގެ ބައްދަލުވުންތައް ރޭ ދަންވަރުން ފެށިގެން ހުއްޓުވާފައިވާ ކަމަށެވެ.

ރައީސް ސިރިސޭނާ، ޕާލިމަންޓު ސަސްޕެންޑް ކުރީ އެ މަނިކުފާނާ ސްރީލަންކާގެ ބޮޑުވާޒީރު ރަނިލް ވިކްރަމަސިންހައާ ސިޔާސީ ގޮތުން ވަރަށް ބޮޑަށް އަރާރުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން ރަނިލްގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުގައި ސިރިސޭނާގެ ކެބިނެޓްގައި ހިމެނޭ ހަ މެމްބަރުން ރަނިލްއާ މެދު އިތުބާރުއޮތް ކަމަށް ވޯޓު ދިން މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެ ހަ މެމްބަރުން ފަހުން ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.

ރަނިލްއާ ދެކޮޅަށް ނެގި ވޯޓުން އޭނާ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.

ޕާލަމަންޓް އުވާލެއްވިތާ މަދު ގަޑިއިރުތަކެއް ތެރޭ އިސްތިއުފާ ދެއްވި ބޭފުޅުންގެ މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަނުކުރައްވައިފައެވެ.

ސްރީލަންކާގައި 2015 އަހަރު ބޭއްވި އިންތިހާބުގައި ސިރިސޭނާ އާއި ރަނިލް ވެރިކަމަށް ވަޑައިގެންނެވީ ދެބޭފުޅުންގެ ޕާޓީން ހެދި އިއްތިހާދުގެ ދަށުންނެވެ. ނަމަވެސް ފަހަކަށް އައިސް ދެޕާޓީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެންމެ ފަހުން ބޭއްވި ލޯކަލް އިންތިހާބުގައި ވެސް ދެ ޕާޓީން ވާދަކުރީ ވަކިވަކިންނެވެ.

ރަނިލް ވިކްރަމަސިންގހަގެ ޕާޓީގެ މެމްބަރުކު ހިންގި ބޮންޑް ވިއްކުމުގައި ވަރަށް ބޮޑަށް ކޮރަޕްޝަން ހިމެނޭކަމަށް ވަނީ އަޑުފެތުރިފައެވެ. ޚޮދު ސިރިސޭނާ ވެސް ވަނީ ރާޖަޕަކްސާގެ ޕާޓީއަށް ވުރެ ރަނިލްގެ ޕާޓީގެ ކޮރަޕްޝަން މާބޮޑު ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް