ޝްވެތާ ތުރިޕަތީ ކައިވެންޏަށް ތައްޔާރުވެއްޖެ

'މަސާން' އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ ޝްވެތާ ތުރިޕަތީ ވަނީ އަންނަ ޖޫން މަހު ކައިވެނި ކުރަން ނިންމާފައި-- ފޮޓޯ: އެފްޕީ

ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު 'މަސާން' އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބަތަލާ ޝްވެތާ ތުރިޕަތީ އަންނަ ޖޫން މަހު ކައިވެނި ކުރަން ނިންމައިފިއެވެ.

ޝްވެތާ އާއި އޭނާގެ ލޯބިވެރިޔާ ޗައިތަންޔާ ޝަރްމާ، މަޝްހޫރު ނަމުން ނަމަ "ސްލޯޗީތާ"، ކައިވެނި ކުރާނީ ޖޫން 29 ވަނަ ދުވަހު ގޯއާގައެވެ. ޗައިތަންޔާ އަކީ އެކްޓަރެއްގެ އިތުރުން ރެޕް އާޓިސްޓެކެވެ.

ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާއާއި ގާތް އެކުވެރިން އެކަންޏެވެ.

ޝްވެތާ އާއި ޗައިތަންޔާ ފުރަތަމަ ދިމާވީ މީގެ ފަސް އަހަރު ކުރިން ފްލައިޓަކުންނެވެ.

ޗައިތަންޔާއަކީ ޝްވެތާއަށް ވުރެ ފަސް އަހަރު ހަގު މީހެއް ނަމަވެސް، ބަލާ މީހަކަށް އެކަން ނޭނގޭނެ ކަމަށް 32 އަހަރުގެ ޝްވެތާ ބުންޏެވެ. ޗައިތަންޔާ ކައިވެންޏަށް އަހާފައި ވަނީ ދެމީހުންނަށް ވެސް އެންމެ ކަމުދާ ތަން ކަމުގައިވާ ތިއޭޓަރުގައެވެ.

އާ ސްޓޭޖް ޑްރާމާއެއް ބަލަން ކަމަށް ބުނެ ޗައިތަންޔާ ޝްވެތާ އަށް ދިން ސަޕްރައިޒް އަކީ އެއީއެވެ. ޝްވެތާ އޭނާގެ ކެރިއަރު ފެށީ ޑްރާމާ ތަކުންނާއި އިޝްތިހާރުތަކުންނެވެ. ބޮލީވުޑް އަކީ ތިއޭޓަރަށް ލޯބިކުރާ ޝްވެތާ އެއް އިރެއްގައި ވެސް ދެކެމުން އައި ހުވަފެނެއް ނޫނެވެ. ނަމަވެސް ޝްވެތާގެ ހުނަރު ފާހަގަ ކުރެވި، ފިލްމުތަކުން އޭނާއަށް ފުރުސަތު ލިބެން ފެށީއެވެ.

އާންމުންނަށް ޝްވެތާ ފުރަތަމަ ފާހަގަވީ ފިލްމު 'މަސާން' އިން ނަމަވެސް އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ 'ހަރާމްކޯރް' އެވެ.

ނަވާޒުއްދީން ސިއްދީގީ އާއެކު ފެނިގެން ދިޔަ އެ ފިލްމަށް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން ފިލްމު ރިލީޒް ކުރުން ފަސްވީއެވެ. ދެ ފިލްމުން ވެސް ޝްވެތާއަށް ވަނީ ބެލުންތެރިންނާއި ކްރިޓީކުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އަދި ދެ ފިލްމުން އޭނާ އަށް އެވޯޑު ވެސް ވަނީ ލިބިފައެވެ.

ފިލްމުގެ އިތުރުން ޝްވެތާ ވަނީ ވެބް ސީރީޒް ތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް