ރިޔާސީ އިންތިޚާބު ހުއްޓުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނަން: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބު ހުއްޓުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ ރިޔާސީ އިންތިހާބު މިހާރުވެސް އިއުލާންކޮށްފައި އޮތް ތާރީހުގައި ބާއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"އިންތިޚާބު މިހާރުވެސް އިއުލާންކޮށްފައި އޮތް ތާރީޚުގައި އޮންނާނެ. އެކަމަށް އެއްވެސް ބަދަލެއް ނާދެ. ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މި އަހަރު ކޮމިޝަނުން މިހާރު އިއުލާންކޮށްފައިވާ ތާރީހުގައި އިންތިޚާބު އޮންނާނެކަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާތަނަށް އައި އިރު އިންތިޚާބު ނުބޭއްވޭނެ ފަދަ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މިހާރު ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށެވެ.

"މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް އެއްވެސް ހުރަހެއްނެތް. ރާއްޖޭގައި އިންތިޚާބު ނުބޭއްވޭނެ ފަދަ މާހައުލެއް އޮތް ކަމަށް ގަބޫލެއް ނުކުރަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް ކޮމިޝަނުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި "ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ ޝެޑިއުލާ އެއްގޮތަށް" ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިންވެސް ނިންމާފައިވާގޮތަށް ޖުލައި މަހު އިންތިޚާބު އިއުލާން ކުރާނެ ކަމަށެވެ.

މިނިވަން އަދި ދެފުށް ފެންނަ އިންތިޚާބަކަށް މިފަހަރުގެ ރިޔާސީ އިންތިޚާބު ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރު ތަފްސީލް ދެއްވަމުން ޝަރީފް ވިދާޅުވީ ބޭރުގެ އޮބްޒާވަރުންނަށް ދައުވަތު ދިނުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

"މިފަހަރުވެސް ބައިނަލްއަގުވާމީ ފަރާތްތައް އިންތިޚާބު މޮނިޓާ ކުރަން ތިބޭނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ހުއްޓުވަން އެއްވެސް ފަރާތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އިންތިޚާބު އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ފަރާތްތަކުން މިވެނި އެވެނި ބޭފުޅެއްގެ ނަން ވޯޓް ކަރުދާހުގައި ނޯންނާނެ ކަމަށް ބުނި ނަމަވެސް އެކަން ނިންމާނީ އިލެކްޝަންސް ކަމިޝަނުން ކަމަށެވެ. އަދި އެ ކޮމިޝަނުން އެކަމުގައި އަމަލުކުރާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް