ވީއައިއޭގައި މޯބައިލް ޗެކްއިން ޚިދުމަތް ތައާރަފުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯބައިލް ޗެކްއިން ޚިދުމަތް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯބައިލް ޗެކްއިން ޚިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.

މޯބައިލް ޗެކްއިން ޚިދުމަތް ވީއައިއޭގައި މިއަދު ތައާރަފުކުރީ އެމްއޭސީއެލްގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުންނެވެ.

މޯބައިލް ޗެކްއިން ޚިދުމަތް ފޯރުކޮށްދެނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ކުޑަކުދިން ގޮވައިގެން ދަތުރުކުރާ މީހުންނާއި އެމީހުންގެ އާއިލާތަކަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯބައިލް ޗެކްއިން ޚިދުމަތް ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގައި ސެކިއުރިޓީ ޗެކްކުރުމަށްފަހު، ޗެކްއިން ކައުންޓަރުތަކުގެ ކުރިމަތީގައި މޯބައިލް ޗެކްއިންއަށް ޚާއްސަ ސަރަހައްދެއް ހުންނާނެއެވެ.

"ކަނޑައެޅިފައިވާ ތަނަށް އައިސް އިށީނުމުން އަޅުގަނޑުމެންގެ ސްޓާފެއް އެބަޔަކަށް ޓެބްލެޓް މެދުވެރިކޮށް ޗެކްއިން ކޮށްދޭނީ. ލަގެޖުގެ ހުރިހާ ކަމެއްވެސް ސްޓާފުން ބަލަހައްޓައިދޭނެ،" އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވިއެވެ.

އެސަރަހައްދުގައި ބޯޑިންގް ޕާސްއާއި ލަގެޖު ސްޓިކާ ޕްރިންޓް ކުރުމަށް ޚާއްސަ ޕްރިންޓަރުތަކެއްވެސް ބަހައްޓާފައި ހުރެއެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންކަމުން އެބޭފުޅުން ޗެކްއިން ކައުންޓަރާ ހަމައަށް ދާކަށްވެސް ނުޖެހޭނެ. މިހިސާބުން ޗެކްއިން ނިންމާލާފައި އިމިގްރޭޝަނަށް ދެވޭނެ. މި ބޭފުޅުންނަށް ލުއިފަސޭހަތަކެއް ލިބިގެން ދާނެ،" އާދިލް ވިދާޅުވިއެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި ޚިދުމަތް ފުރަތަމަ ބޭނުންކުރީ ދެ ކުޑަކުދިންވެސް ހިމެނޭ، ހަ މެމްބަރުންގެ އާއިލާއެކެވެ. އެ އާއިލާއަށް އެމްއޭސީއެލްގެ ފަރާތުން ވަނީ ހަނދާނީ ފިލާއެއް ހަދިޔާކޮށްފައެވެ. އެ ފިލާ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ މިއަދުން ފެށިގެން މި ޚިދުމަތް ލިބޭނެކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 52 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއޭސީއެލްއިން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް