އައްޑު އާއި ފުވައްމުލަކުގައި ތަރައްގީކުރާ ނޭޗާ ޕާކު ޖޫން މަހު ހުޅުވަނީ

ފުވައްމުލަކުގައި ތަރައްގީ ކުރާ ނޭޗާ ޕާކު މަޝްރޫއުގެ ތެރެއިން ހަދާ ބްރޯޑްވޯކްގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ ސީކެޕް

އީކޯ ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑު އާއި ފުވައްމުލަކުގައި ތަރައްގީ ކުރާ ނޭޗާ ޕާކްތައް މި އަހަރުގެ ޖޫން މަހު ހުޅުވޭނެ ކަމަށް ކަލައިމެޓް ޗޭންޖު އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) އިން ބުނެފި އެވެ.

އައްޑޫ ހިތަދޫގައި ހިމާޔަތް ކޮށްފައިވާ އީދިގަލި ކިޅި އާއި ކޯއްޓޭ ހިމެނޭ ގޮތަށް ތަރައްގީ ކުރާ ނޭޗާ ޕާކާއި ފުވައްމުލަކު ބަންޑާރަ ކިޅި ހިމެނޭ ގޮތަށް ތަރައްގީ ކުރާ ނޭޗާ ޕާކަކީ، އެތަންތަނުގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ވީހާ ވެސް ގާތުން ބަލައިލުމާއި ހިތްހަމަޖައްސާލުމަށް ތަރައްގީ ކުރާ ތަންތަނެވެ.

އައްޑޫގައި ތަރައްގީ ކުރާ ނޭޗާ ޕާކު މަޝްރޫއުގެ ތެރެއިން ހަދާ ވިޒިޓާސް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ ސީކެޕް

އެތަންތަނާ ގުޅޭ މައުލޫމާތު ދެއްވަމުން އެ މަސައްކަތް ކުރަމުން އަންނަ ސީކެޕްގެ ކޮމިއުނިކޭޝަން އޮފިސަރު އަލީ ޝާމިން މިއަދު ވިދާޅުވީ، އެ ދެ ރަށުގައި ގާއިމްކުރާ ދެ ނޭޗާ ޕާކު ވެސް އަންނަ ޖޫން މަހުގެ ތެރޭގައި ހުޅުވަން ތައްޔާރުވަމުންދާއިރު އައްޑޫ ނޭޗާ ޕާކުގައި މިހާރު ކުރަމުންދަނީ ވިޒިޓާސް ސެންޓަރު އެޅުމުގެ މަސައްކަތް ކަމަށެވެ.

އަދި ފުވައްމުލަކުގައި ކުރިއަށް ދަނީ ބަންޑާރަ ކިޅި ކައިރީގައި ހަދާ ރެކްރިއޭޝަން ފެސިލީޓީގެ މަސައްކަތާއި އެތަނަށް ދިއުމަށް ހަދާ ބްރޯޑްވޯކްގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ތަރައްގީ ކުރާ ނޭޗާ ޕާކު މަޝްރޫއުގެ ތެރެއިން ހަދާ ބްރޯޑްވޯކްގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ ސީކެޕް

ޝާމިން ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކުގެ ނޭޗާ ޕާކުގައި ހަދާ ވިޒިޓާސް ސެންޓަރު ތަރައްގީ ކުރާނީ ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ގޮތަކަށް ކަމަށެވެ. އެގޮތުން ކިޅިއަށް އެރެން ބޭނުންވާ މީހުންނަށް އެރުމަށް ފަހު ފެން ވަރާލެވޭނެ ހިދުމަތާއި ކުޅީގައި ދުއްވޭނެ ކެނޯ ފަދަ ތަކެތި ކުއްޔަށް ނެގޭ ހިދުމަތުގެ އިތުރުން ކެންޓީނެއް ދެ ތަނުގައި ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އައްޑޫ ނޭޗާ ޕާކަކީ ބޮޑު ސަރަހައްދެއް ކަމުން އެތަނުގައި ހައިކިން ޓުއާތަކާއި ބައިސްކަލު ދުއްވާލަން ބޭނުންވާ މީހުންނަށް ބައިސްކަލު ކުއްޔަށް ދޫކުރަން ނިންމާފައިވާ އިރު ބަގީގެ ހިދުމަތް ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ތަރައްގީ ކުރާ ނޭޗާ ޕާކު މަޝްރޫއުގެ ތެރެއިން ހަދާ ވިޒިޓާސް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ ސީކެޕް

އެފަދަ ތަކެތި ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބީލަމަށް ވެސް ލައިފަ އެވެ.

އަދި އައްޑު އާއި ފުވައްމަލަކު ނޭޗަ ޕާކްތަކުގައި ހަރަކާތްތެރިވާނެ ޓުއާ ގައިޑުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މިމަހު ފަށަން ނިންމައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް