ޔޫރަޕްގެ ޓޮޕް މޮޑެލް އިސްކްރާ ރާއްޖޭގައި

އިސްކްރާ ލޯރެންސް ---

އިނގިރޭސިވިލާތުގެ މޮޑެލް އަދި އެންއީޑީއޭގެ އެމްބެސެޑަރު އިސްކްރާ ލޯރެންސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އިސްކްރާ ޗުއްޓީ ހޭދަކުރަމުން ދަނީ ޅ. އަތޮޅުގައި އޮންނަ ކޮކޫން މޯލްޑިވްސްގައެވެ.

ޗުއްޓީގެ ގިނަ ފޮޓޯތަކެއް އިސްކްރާގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުގައި ހިއްސާކުރަމުންދާއިރު، އޭނާ ރާއްޖެ އައިސްފައިވަނީ ދެ ދުވަސް ކުރިންނެވެ. ރިސޯޓަށް އަރާތަން ފެންނަ ވީޑިއޯއެއް އިންސްޓަގްރާމުގައި އާންމުކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަނީ މޫދަށް އެރިގެން ރަށަށް އަރާތަނެވެ. ކެޕްޝަނެއްގެ ގޮތުގައި "ދިވެހިރާއްޖެ! އަހަރެން މިއައީ" ކަމަސް ލިޔެފައިވެއެވެ.

ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުން ހަފްތާއެއްހައި ދުވަހު އޭނާ ރާއްޖޭގައި މަޑުކުރާނެއެވެ. 27 އަހަރުގެ މޮޑެލް ރާއްޖެއައީ އޭނާގެ އެކުވެރިންނާއެކުއެވެ.

އިންސްޓަގްރާމުގައި އޭނާ ބުނީ ރާއްޖެ ޒިޔާރަތް ކުރުމަކީ އަބަދުވެސް ހުވަފެނެއް ކަމަށެވެ. ހަފްތާއެއް ވަންދެން ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭތީ ވަރަށް އުފަލުން ހުރިކަމަށްވެސް ބުނެފައިވެއެވެ.

އިސްކްރާ ފާހަގަ ކުރެވެނީ މޮޑެލްއެއްގެ އިތުރުން ހެލްތީ ލައިފް ސްޓައިލް ޕްރޮމޯޓުކުރާ އެމްބެސެޑަރެއްގެ ގޮތުގައެވެ. ބޮޑީ ޝޭމިން އާއި ދެކޮޅަށް އޭނާ ކުރާ މަސައްކަތްވސް ފާހަގަ ކުރެވެއެވެ. އިސްކްރާ އަކީ އޭ ލިސްޓް މޮޑެލް އެއް ނަމަވެސް އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކުރާ އެއްވެސް ފޮޓޯއެއް އެޑިޓުކޮށް މީހާގެ ސިފަ ރީތިކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

comment ކޮމެންޓް