އެމްއޭސީއެލްގެ މުވައްޒަފުންނަށް އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު އަދި އިލެކްޓްރޯނިކްސްއިން ޑިސްކައުންޓް ދެނީ

އެސްޓީއޯ އަދި އެމްއޭސީއެލް އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: އެމްއޭސީއެމް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ އިލެކްޓްރޯނިކްސްއިން ވިޔަފާރިކޮށްގެން ޑިސްކައުންޓް ލިބޭގޮތް ހަމަޖައްސައިފިއެވެ.

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގެ 52 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ހަފްލާއެއްގައި ދެ ކުންފުނީގެ މެދުގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސާ ކޯޕަރޭޓް އެފެއާޒް މުހައްމަދު ނިޔާޒާއި އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއޭސީއެލްގެ މުވައްޒަފުންނަށް އެސްޓީއޯގެ ހޯމް އިމްޕްރޫވްމެންޓް އަދި އިލެކްޓްރޯނިކްސް ފިހާރަތަކުން ސޭލް އަޅުވާފައި އޮންނަ ދުވަސްވަރެއް ނަމަ ސޭލް ޑިސްކައުންޓުގެ އިތުރުން 2.5 ޕަސަންޓް ޑިސްކައުންޓް ދޭނެއެވެ. އަދި ސޭލް ދުވަސްވަރު ނޫން ނަމަ ފަސް ޕަސެންޓާ 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެއެވެ.

އެސްޓީއޯ އަދި އެމްއޭސީއެލް އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: އެމްއޭސީއެމް

މީގެ އިތުރުން އެއާޕޯޓު މުވައްޒަފުންނަށާއި ފަސިންޖަރުންނަށް ހާއްސަ މިނީ މޯލް ހިންގުމަށް ވެސް އެސްޓީއޯ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިނީ މާޓް ހިންގުމުގެ އެއްބަސްވުމުގައި އެސްޓީއޯ ގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސާލިހެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވީ އެސްޓީއޯއިން އެއާޕޯޓުގައި ހިންގާ މިނީ މޯލްއިން 24 ގަޑިއިރު ހިދުމަތް ދޭނެ ކަމަށެވެ.

"ސްޓާފުންނަށް ބޭނުންވާ އެއްޗެހި ފަސޭހައިން ލިބޭނެ ގޮތެއް ހަމަޖެއްސުމަށް އެމްއޭސީއެލްއިން އެދުމުން މި ފިހާރަ ހިންގުމާ ހަވާލުވީ. ކުރިއަށް އޮތްތަނުގައި އިތުރު ފިހާރައެއް ފުޑް ކޯޓުގައި ވެސް ހުޅަވާނަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އެސްޓީއޯއިން މަސައްކަތް ކުރާނީ އެއާޕޯޓުގައި ހުޅުވާ ފިހާރައިން އެއާޕޯޓުގެ މުވައްޒަފުންނަށް ބޭނުންވާ މުދާ ހުސްނުކޮށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. މި ފިހާރައިގެ ސަބަބުން އެއާޕޯޓުން ހިދުމަތް ހޯދާ މުވައްޒަފުންނަށްވެސް ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް