ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާ

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް (ބީއެމްއެލް)އަށް މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ފައިދާ އިތުރުވެފައިވާކަމަށް އެ ބޭންކުގެ އަހަރީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާނާއި އަހަރީ ރިޕޯޓް މިއަދު ވަނީ ޝާއުއުކޮށްފައިވާ އިރު އެ ބޭންކަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ 1.416 ބިލިއަން ރުފިޔާއަށް އަރައެވެ.

މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު ހަތަރު އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއްމިންގަނޑަކުން ކުރީ އަހަރާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް 2017 ވަނަ އަހަރު ލިބުނު ފައިދާ ރެކޯޑު މިންވަރަކަށް އިތުރުވެފައި ވާއިރު، އެ ބޭންކުގެ ހިއްސާދާރުންނަށް ހިއްސާއަކަށް 22 ރުފިޔާ ބަހަން ވަނީ ނިންމައިފައެވެ. ގައުމީ ބޭންކުން ބުނެފައިވާ ގޮތުން، މިއީ ކުންފުނީގެ ތާރީޚުގައި އެންމެ ބޮޑު ފައިދާއެއް ބަހާ ފަހަރެވެ.

މިދިޔަ މާޗު މަހު ބޭއްވި ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްވުމުން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2016 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 118،402،240 ރުފިޔާ ބަހަން ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ސްޓްރަކްޗާ ބެހިގެންވާ ގޮތަށް ބަލާއިރު، ކުންފުނީގެ މެޖޯރިޓީ ޝެއާހޯލްޑަރަކީ 50.80 ޕަސަންޓު ހިއްސާ ކޮންޓްރޯލުކުރާ ދިވެހި ސަރުކާރެވެ.

އާންމުންގެ އަތުގައި އޮންނަނީ ބީއެމްއެލްގެ 33.73 ޕަސަންޓެވެ. މީގެ އިތުރުން، އަތޮޅު/ރަށްތަކުގެ ރައްޔިތުންގެ އެކައުންޓް ތަކުގެ 4.07 ޕަސަންޓް، އެމްޓީސީސީގެ 4.07 ޕަސަންޓް، ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގެ 7.33 ޕަސަންޓް ހިއްސާ އޮވެއެވެ.

ރާއްޖޭގެ ގައުމީ ބޭންކުން މިދިޔަ އަހަރު މާލީގޮތުން ރެކޯޑް ނަތީޖާއެއް ހޯދާފައިވާއިރު އެ ބޭންކުން މުޖުތަމައަށް ކުރާ އިންވެސްޓްމަންޓްތައް ވަނީ ދެގުނަ އިތުރުކޮށްފައެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ މުޖުތަމައަށް ފައިދާހުރި ތަފާތު ކަންކަމުގައި 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައެވެ.

comment ކޮމެންޓް