ސީއެޗުއެސްއީގެ ޕްރިންސިޕަލަށް އިންޑިއާ އިން ހާއްސަ އެވޯޑެއް ދޭން ނިންމައިފި

ޕްރިންސިޕަލް ސޮފޫރާއާއެކު އިންޑިއާ ސަފީރު އަކިލޭޝް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ އިންޑިއަމް އެމްބަސީ

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އިން ސީއެޗުއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާއަށް ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސޮފޫރާ އަށް ދޭން ނިންމާފައި ވަނީ "އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް ޑިސްޓިންގުއިޝްޑް އެލުމުނާއީ އެވޯޑް" ކަމަށެވެ.

މިއީ އެ އެވޯޑް ދިވެއްސަކަށް ލިބޭ ފުރަތަމަ ފަހަރު ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ޑިރެކްޓަރު މުހައްމަދު ހާލިދު މިއަދު ސަން އަށް ވިދާޅުވީ ސޮފޫރާއަށް ދޭ އެވޯޑަކީ އިންޑިއާ ސަރުކާރުންދޭ އައިސީސީއާރު ސްކޮލަޝިޕުގެ ދަށުން ކިޔެވި ބޭފުޅުންގެ ތެރެއިން ހޮވާލެވޭ ބޭފުޅުންކޮޅަކަށް ދޭ އެވޯޑެއް ކަމަށެވެ.

ސޮފޫރާ އެ އެވޯޑާ ހަވާލުވެވަޑައިގަންނަވާނީ އިންޑިއާގެ ނިއު ދެއްލީގައި މާދަމާ ހެނދުނު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަދި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިއަދުގެ ވަގުތެއްގައި ސޮފޫރާ ދިއްލީ އަށް ވަޑައިގަންނަވާނެ އެވެ.

އެގޮތުން، އިންޑިއާގެ ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ހަފުލާއެއްގައި ސަފީރު އަކިލޭޝް ވަނީ ސޮފޫރާއާ ބައްދަލު ކުރައްވައި، އެވޯޑާ ހަވާލުވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގަތުމުގެ ޓިކެޓާއި ލިޔެކިޔުންތައް ހަވާލު ކުރައްވައިފަ އެވެ.

comment ކޮމެންޓް