ބަޔާން 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ސެމީއަށް

ބަޔާންއާއި ސެވިއްޔާ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ހޯމް ލެގު އެއްވަރުކޮށް، ޖަރުމަނުގެ ބަޔާން މިއުނިކުން 11 ވަަނަ ފަހަރަށް ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިހާތަނަށް ފަސް ފަހަރު ޗެމްޕިއަންސް ލީގު ތަށި އުފުލައިލާފައިވާ ބަޔާނުން 11 ވަނަ ފަހަރަށް ސެމީއަށް ދަތުރު ކޮށްފައިވާ އިރު، ޔޫރަޕްގެ ޓީމުތަކުގެ ތެރެއިން އެޓީމަށްވުރެ އިތުރަށް ދެން ސެމީ ކުޅެފައިވާ ޓީމަކީ ރެއާލް މެޑްރިޑެވެ. ރެއާލް ވަނީ 13 ފަހަރު ސެމީ ކުޅެފައެވެ.

ބަޔާނުން އެންމެ ފަހުން އެޓީމު ކުޅުނު 20 މެޗުންވެސް ބަލިވެފައި ނުވާ އިރު، ރޭގެ މެޗަށް ބަޔާން ނުކުތީ ސެވިއްޔާއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ ލެގު 2-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮވެގެންނެވެ. ރޭގެ މެޗު އެއްވަރުވެފައިވަނީ 0-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަހު މިނެޓުގައި ސެވިއްޔާގެ ޑިފެންޑަރު ހޮކީން ކޮރެއާއަށް ރަތް ކާޑު ދައްކާފައިވާ އިރު، އޭނާއަށް ވަނީ މެޗުގައި ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއްވެސް ލިބިފައެވެ. ބަޔާން އޭރިއާ ތެރޭގައި ހުރެ ކޮރެއާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ބަޔާންއާއި ސެވިއްޔާ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މީގެ އިތުރުންވެސް މެޗުގެ ފުރަތަމަ ހާފްގައި ސެވިއްޔާގެ މިޑްފީލްޑަރު ޕްބްލޯ ސަރާބިއާއަށް ހުސް ފުރުސަތެއް ލިބިފައިވެއެވެ. ބަޔާންއާއި ސެވިއްޔާ ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ސަރާބިއާ ވަނީ ގޯލް ވެސް ޖަހައިފައެވެ.

ރޭގެ މެޗުގައި ބަޔާންއަށް ލިބުނު ފުރުސަތުތަކަށް ބަލާލާ އިރު، ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޮސްކީ އަދި ފްރޭންކް ރިބެރީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

ލެވަންޑޮސްކޯ ބޮލުން ފޮނުވާލި ހަމަލާ ސެވިއްޔާގެ ކީޕަރު ޑޭވިޑް ސޮރެއާ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައިވާ އިރު، ރިބެރީއަށް ލިބުނު ހުސް ފުރުސަތު އޭނާ ފޮނުވާލި ނަމަވެސް ސެވިއްޔާގެ ޖީސަސް ނަވާސް ވަނީ އެ ބޯޅައަށް ހުރަސް އަޅައި ބޭރު ކޮށްލައިފައެވެ.

ދެވަނަ ހާފްގައިވެސް ބަޔާންގެ ފަރާތުން ޑޮމިނޭޓް ކުޅުމެއް ފެނިފައިވާ އިރު، ބަޔާންގެ ފަރާތުން މަދުވީ ގޯލެކެވެ. އާންމުކޮށް އެޓޭކިން ޓީމެއްގެ ގޮތުގައި ފެނިގެންދާ ބަޔާންގެ ފަރާތުން ރޭގެ މެޗުގައި އެންމެ އެކަށޭނެ އެޓޭކްތަކެއް ފެނިފައެއް ނުވެއެވެ.

ބަޔާންއާއި ސެވިއްޔާ ކުޅުނު ކުއާޓާ ފައިނަލްގެ ދެވަނަ ލެގު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރި ޓީމުތައް މިހާރު ވަނީ ޔަގީންވެފައެވެ. ބަޔާންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީން ޖާގަ ހޯދާފައިވަނީ ރެއާލް މެޑްރިޑާއި ލިވަޕޫލް އަދި ރޯމާއެވެ.

comment ކޮމެންޓް