ގައުމީ ވޮލީ ޓީމު ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުން ހަނި ބައްޔެއް

މިއަދުގެ ކުޅުނު މެޗުގެ ކުރިން --- ފޮޓޯ/ ވީއޭއެމް

ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމު ތައިލެންޑުގައި ކޭމްޕް ކުރަމުންދާ އިރު، މިއަދު ކުޅުނު އެކުވެރިކަމުގެ ތިންވަނަ މެޗުން ކުޑަ ތަފާތަކުން ބަލިވެއްޖެއެވެ.

މިހާތަނަށް ތައިލެންޑުގައި ގައުމީ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާ އިރު، މިއަދު ކުޅުނު މެޗުގައި ރާއްޖެ ބަލިވީ ތައިލެންޑް ލީގުގެ އަށްވަނައިގައި އޮތް މައްކަސަން އާ ވާދަކޮށްގެންނެވެ.

މައްކަސަންއިން މެޗު ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ ރާއްޖެއިންނެވެ. ރާއްޖެއިން ފުރަތަމަ ދެ ސެޓުވެސް ގެންދިޔައީ 25-21 އިންނެވެ. އަނެއް ދެ ސެޓު މައްކަސަންއިން ގެންގޮސްފައިވާ އިރު، އެޓީމުން ސެޓުތައް ގެންދިޔައީ 25-18 އަދި 27-29 އިންނެވެ. މެޗުގެ ފަސްވަނަ ސެޓު މައްކަސަންއިން ގެންގޮސްފައިވަނީ 15-13 އިންނެވެ.

ތައިލެންޑަކީ ވޮލީގައި ރާއްޖެއަށްވުރެ ރޭންކިންގައި ތަފާތު މޮޅު ގައުމެކެވެ. މިދިޔަ އަހަރުގެ އެފްއައިވީބީ ރޭންކިންގައި ތައިލެންޑް 41 ވަނައިގައި އޮތް އިރު، ރާއްޖެ އޮތީ 78 ވަނައިގައެވެ. އެގައުމުގެ ލީގަކީ ޕްރޮފެޝަނަލީ ކުރިއަށްދާ ވަރުގަދަ ލީގެކެވެ.

މިފަހަރު ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ޓީމުގެ ފަރިތަކުރުންތަކުގައި ޑިސިޕްލިން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ހާއްސަކޮށް ފަރިތަކުރުންތަކުގައި ޓީމުގެ ހާޒިރީ ރަނގަޅުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެވަރޭޖް އެޓެންޑެންސަކީ 98 ޕަސެންޓެވެ.

އޭވީސީ މުބާރާތަށް ގައުމީ ޓީމު ފަރިތަކުރަމުންދަނީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް އަލީ ހުޒާމް (ހުޒާންޓޭ) ހަމަޖައްސައިފައިވާ އިރު، ކުރިން ގައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެއެވެ.

ވީއޭއެމްއިން ބުނެފައިވަނީ ތައިލެންޑުގައި ކުރިއަށްދާ ފަރިތަކުރުންތަކަށްފަހު، ރާއްޖޭގެ ޓީމު ބަންގާޅަށް ފުރާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ތައިލެންޑުގައި އެކުވެރިކަމުގެ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވީއޭއެމްއިން ބުނެފައެވެ.

comment ކޮމެންޓް