ނިމްސް އިން މުސާރަ ނުދޭތީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކު ޓްރައިބިއުނަލަށް

ކުޅުދުއްފުށީ ހޮސްޕިޓަލު ތެރެ--ސަން ފޮޓޯ/ މުހައްމަދު ސަމާހް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން ހަވާލުކުރި އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (ނިމްސް) އިން އެކުންފުނީގެ ހަތަރު މުވައްޒަފަކަށް މުސާރަ ނުދޭކަމަށް ބުނެ އެ މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅައިފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ޓްރައިބިއުނަލް އަށް ހުށަހަޅާފައިވަނީ މިއަދުއެވެ.

ނިމްސް އާ ދެކޮޅަށް މައްސަލަ ހުށަހެޅީ މީގެ ކުރިން އެ ހޮސްޕިޓަލުގެ ސީއީއޯ ގެ މަގާމުގައި ހުންނެވި ޑރ. ކަމާލް ޖޯޖް އާއި ކުންފުނީގެ ސެކްރެޓަރީ މުހައްމަދު ޚާލިދް އާއި ޑެޕިއުޓީ ޑިރެކްޓަރު ފާތިމަތު އުސައިދުގެ އިތުރުން ސީނިއާ އެޑްމިނިސްޓްރޭޓިވް އެގްޒެގެޓިވް ޔާސިފް ހަނީފް އެވެ. މި މީހުންގެ ތެރެއިން ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ކަމާލް ވަނީ މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި މުވައްޒަފުން ބުނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މުސާރަ ނުދޭ ކަމަށެވެ. އަދި ވަޒީފާ އިން ވަކިކުރިކަންވެސް އަންގާފައި ނުވާކަމަށް އެ މުވައްޒަފުން ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިއްގަން ދިވެހިން އާންމުކޮށް ފަރުވާ ހޯދަމުން އަންނަ ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކުރީ 50 އަހަރެވެ.

އެ ކުންފުންޏާ ކުޅުދުއްފުށި ހޮސްޕިޓަލް ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ފަހުން ނިމްސް މެޑިސިޓީން މެޑިކަލް ކިޔަވައިދޭ ސެންޓަރަކާއި ޖެނެޓިކް ރިސާޗް ސެންޓަރެއް ހަދަން ދެ ރަށެއް ވެސް ސަރުކާރުން ދިނެވެ.

ނަމަވެސް އެ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން، ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން އެތަން ހިއްގަން ހަވާލުވެފަ އެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ނޫރުލް އިސްލާމާއެކު ވެފައިވާ އެއްބަސްވުން އުވާލަން އުޅޭ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

comment ކޮމެންޓް