ރާޒީ ޓްރެއިލާ: އާލިއާ އަށް ހިފެހެއްޓުމެއް ނެތް ތައުރީފު!

އާލިއާ ބަޓް އާއި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ، މޭގަން ގުލްޒާރުގެ ފިލްމު 'ރާޒީ'ގެ ޓްރެއިލާ އިއްޔް މިވަނީ އާންމުކޮށްފަ އެވެ.

ފިލްމުގެ ޓްރެއިލާ އާންމު ކުރުމާ އެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު އަންނަނީ ފިލްމު މޮޅުވާނެ ކަމަށް ބުނެ ފިލްމަށް ތައުރީފު ކުރަމުންނެވެ.

ޚާއްސަކޮށް ފިލްމުގެ ބަތަލާ އާލިއާ އަށް ލިބެމުން އަންނަ ތަރުހީބު ވަކިން ބޮޑަށް ފާހަގަކޮށްލެވެ އެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި އާލިއާ ފެނިގެން ދަނީ 'ސެހްމަތު' ކިޔާ އިންޑިއާ އަންހެނެއްގެ ރޯލުންނެވެ.

ފިލްމުގައި އޭނާ އަކީ އިންޑިއާ އަށް ޖާސޫސް ކޮށްދިނުމަށް، ޕާކިސްތާނު ފުލުހަކާ ކައިވެނިކޮށްގެން ޕާކިސްތާނަށް ދާ މީހެކެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި އެ ފިލްމުގައި އޭނާ އަކީ ދަރި އެކެވެ. އަދި އަނތްބެކެވެ. އަދި ޖާސޫސް ކުރާ މީހެކެވެ.

ދެ މިނެޓުގެ ޓްރެއިލާ އިން ވެސް ފިލްމުގައި އާލިއާގެ ފަރާތުން ތަފާތު މޮޅު އެކްޓިން އެއް ފެނިގެންދާނެ ކަން ޔަގީން ކުރެވެ އެވެ. ޓުވިޓާގައި ގިނަ ބަޔަކު އަންނަނީ އާލިއާއަށް ތައުރީފުކޮށް، އާލިއާ އަށް ހުރިހާ އެވޯޑެއް ހައްގު ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި 'ސްޓުޑެންޓް އޮފް ދަ އިޔާ' އިން ބޮލީވުޑަށް ތައާރަފުވި އާލިއާ މިހާތަނަށް މުޅިން ވެސް ފެނިގެން ގޮސްފައި ވަނީ ތަފާތު މޮޅު ރޯލުތަކުންނެވެ. އަދި ކޮންމެ ފިލްމަކުން ވެސް އާލިއާއަށް ބެލުންތެރިނާއި ކްރިޓީކުންގެ ތަރުހީބު ލިބެ އެވެ.

އުމުރުން 25 އަހަރުގައި ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިގެން ގޮސްފައި ވަނީ 'ހައިވޭ'، 'އުޅުތާ ޕަންޖާބް'، 'ޑިއާ ޒިންދަގީ' އަދި 'ކަޕޫރު އެންޑް ސަންސް' ފަދަ ފިލްމުތަކުގައި އާލިއާ އަދާކޮށްފައިވާ ރޯލުތަކުގެ ފުރިހަމަ ކަމުންނެވެ.

ބޮލީވުޑްގައި ކުރިއަށް ދެވެނީ އިންޑަސްޓްރީގެ ބާރުގަދަ މީހުންނާ އާއިލީ ގާތްކަން އޮންނަ މީހުންނަށް ކަމަށް ބުނެ ވާހަކަތައް ދެކެވުނު ނަމަވެސް، އާލިއާ ކުރިއަށް ދަނީ އޭނާގެ ހުނަރުވެރިކަމާއި ގާބިލުކަމުން ކަން އެންމެން ވެސް ދަނެ އެވެ.

ހަ އަހަރުވީ ކެރިއަރުގައި މިހާތަނަށް އާލިއާ 10 ފިލްމެއް ކުޅެފައިވާ އިރު، ކުރިއަށް ދެވޭނީ ހުނަރު ހުރެގެން ކަން އޭނާ މިވަނީ ވަރަށް ރަނގަޅަށް ވެސް ސާބިތުކޮށްދީފަ އެވެ.

ރާޒީގެ މަންޒަރެއްގައި އާލިއާ ބަޓް

'ރާޒީ' ރިލީޒް ކުރަން ތައްޔާރުވެފައިވާ އިރު އާލިއާ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ރަންބީރު ކަޕޫރު އާ އެކު 'ބްރަހްމާޝްތުރަ' އަދި ރަންވީރު ސިންގ އާއެކު 'ގަލީ ބޯއީ'ގަ އެވެ.

ހަރިންދަރު ސިއްކާގެ ފޮތް 'ކޯލިންގް ސެހްމަތު'ގެ މައްޗަށް އުފައްދައިފައިވާ ފިލްމު 'ރާޒީ' ރިލީޒް ކުރާނީ އަންނަ މެއި މަހުގެ 11 ވަނަ ދުވަހު އެވެ.

comment ކޮމެންޓް