"ދަ މެގް": ޖޭސަން ސްޓެތަމްގެ އެކްޝަން، މިފަހަރު ބޮޑު މިޔަރަކާ ދެކޮޅަށް

"ދަ މެގް"ގެ މަންޒަރެއްގައި ޖޭސަން ---

ހޮލީވުޑްގެ ތަރި ޖޭސަން ސްޓެތަމް އޭ ބުނުމުން އެންމެ ފުރަތަމަ ވެސް ހިޔާލަށް އަންނާނީ އެކްޝަން އެވެ. ހަދާ މޮޅެތި ސްޓަންޓުތަކެވެ. ގިނަ ފަހަރު އޭނާގެ ވާދަވެރިންނަށް ވަނީ އިންސާނުންނެވެ. ފިލްމެއްގެ އެންމެ ނުބައިބައި ނުވަތަ ނުރައްކާތެރި މީހުން މަރާލުމަކީ އޭނާގެ އަމާޒަކަށް ގިނަ ފަހަރު އޮންނަނީ ވެފަ އެވެ.

ނަމަވެސް އޭނާގެ ކުރިއަށް އޮތް ފިލްމު، "ދަ މެގް"ގައި ސްޓެތަމް ކުރިމަތިލާން ޖެހެނީ އިންސާނަކާ ނޫނެވެ. ނަމަވެސް ދުނިޔެއިން ނެތިގޮސްފައިވާ ކަމަށް ބެލެވޭ މިޔަރެއް ކަމަށްވާ މެގަލޮޑޮން އަކާ އެވެ.

އެ ފިލްމުގެ ޓްރެއިލާ މިހާރު ދައްކާލާފައިވާ އިރު، ސްޓެތަމްގެ އެކްޝަން ފެނިގެން ދަނީ ދިގުމިނުގައި 75 ފޫޓު ހުންނަ މިދެންނެވި ވައްތަރުގެ ބޮޑު މިޔަރާ ދެކޮޅަށެވެ.

ސްޓީވް އެލްޓެން 1997 ވަނަ އަހަރު ލިޔުނު ސައިންސް ފިކްޝަން ފޮތް، "މެގް: ނޮވެލް އޮފް ޑީޕް ޓެރާ" އަށް ބިނާކޮށް އުފައްދާ އެ ފިލްމުން އޯޑިއަންސް ގެންގޮސްދެނީ ޕެސިފިކް ކަނޑުގެ އަޑީގެ ބިރުވެރި މަންޒަރުތަކަށެވެ.

އެގޮތުން، ފިލްމުގައި ދައްކައިދޭނީ ބޮޑު މިޔަރުގެ ސަބަބުން ކުރިމަތިވާ ސީރިއަސް ނުރައްކާތަކުން ސަލާމަތްކުރުމަށް އެކަމަށް ކަނޑައަޅާ ޓީމަކުން ކުރާ ނުރައްކާތެރި މަސައްކަތްތަކެވެ. ޖޭސަން ސްޓެތަމްގެ އިތުރުން ފިލްމުގެ މައި ތަރިންގެ ގޮތުގައި ފެނިގެންދާނީ ލީ ބިންބިންގް، ރައިން ވިލްސަން، ރުބީ ރޯސް، ވިންސްޓަން ޗާއޯ އަދި ކްލިފް ކާޓިސް އެވެ.

މަޝްހޫރު ނުވި ނަމަވެސް "ނެޝަނަލް ޓްރެޝާ"، "ލާސްޓް ވޭގަސް" ފަދަ ރަގަނޅު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޑައިރެކްޓަރު ޖޮން ޓާތެލްޓޮބް ޑައިރެކްޓްކުރާ "ދަ މެގް"ގެ ޓްރެއިލާއަށް ތައުރީފު ލިބެމުންދާއިރު، އެ ފިލްމު ބަލަން އޯޑިއެންސް އިތުރަށް ބޭނުންވާނެ އެއް ސަބަބަކީ ފިލްމު ރިލީޒްކުރާނީ ރިއަލް ޑީ 3ޑީ އަދި އައިމެކްސް 3ޑީ ގަ އެވެ.

ވޯނާ ބްރޯސް ޕިކްޗާސް އިން ޕްރޮޑިއުސްކޮށް ޑިސްޓްރިބިއުޓް ކުރާ އެ ފިލްމު ރިލީޒްކުރާނީ އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް