"ސްޓޫޑެންޓް އޮފް ދަ އިޔާ 2"ގެ އަންހެން ދެ ކާސްޓް އިއުލާންކޮށްފި

ސްޓޫޑެންޓް އޮފް ދަ އިޔާ 2ގެ ދެ އަންހެން ލީޑް ތަރިން--

ދެ ހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، 'ސްޓުޑެންޓް އޮފް ދަ އިޔާ'ގެ ދެ ވަނަ ބައި 'ސްޓުޑެންޓް އޮފް ދަ އިޔާ 2'ގެ ޝޫޓިން މި ހަފްތާގައި ފަށާފައިވާ އިރު ފިލްމުގެ ދެ އަންހެން ލީޑް ތަރިން މިއަދު އިއުލާންކޮށްފި އެވެ.

ޓައިގާ ޝްރޮފް ލީޑުން ފެނިގެންދާ އެ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ތާރާ ސުޓަރިއާ އަދި އަނަންޔާ ޕަންޑޭ އެވެ.

ފިލްމުގައި ފެނިގެންދާ އެ ދެ އަންހެން ލީޑް ތަރިން އިއުލާންކޮށްފައި ވަނީ މިއަދު ކަރަން ޖޯހަރު ކުރި ޓުވީޓްއެއް ގަ އެވެ.

ދެ އަންހެން ލީޑް ތަރިން މިހާރު އިއުލާން ކުރުމާ އެކު ފިލްމުގައި ހަރަކާތްތެރިވާނެ ތިން ލީޑް ތަރިން ވަނީ ކަށަވަރުވެފަ އެވެ.

އެ ފިލްމު ޑައިރެކްޓު ކުރާނީ ޕުނީތު މަލޯތުރާ އެވެ. އަދި އެ ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ.

އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ފިލްމު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން ތާރާ ވަނީ ޑިޒްނީ ޓީވީގެ ޝޯތަކުން ފެނިގެން ގޮސްފަ އެވެ. ނަމަވެސް މި ފިލްމަކީ އަނަންޔާ ފުރަތަމަ ފަހަރަށް ކެމެރާ ކުރި މައްޗަށް ގެންނާނެ ފިލްމެވެ.

ދެހާސްބާރަ ވަނަ އަހަރު ނުކުތް ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާގައި ހަރަކާތްތެރިވެފައި ވަނީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލްހަތްރާ އެވެ.

comment ކޮމެންޓް