ރޮހިންގާގެ 10 މީހަކު މަރާލުމުގެ ކުށުގައި މިޔަންމާ ސިފައިންގެ ހަތް އޮފިސަރަކު 10 އަހަރަށް ޖަލަށް

މިޔަންމާގެ އަސްކަރިއްޔާއިން އަނިޔާވެރި ގޮތަކަށް މަރާލައި ވަޅުގަނޑެއްގެ ތެރެއަށް އެއްލާލި ރޮހިންގާގެ 10 މުސްލިމުން: އެ އަމަލު ހިންގި ކަމަށް ބުނާ ހަތް ސިފައިންގެ އޮފިސަރަކަށް އެގައުމުގެ އަސްކަރިއްޔާއިން ވަނީ އިއްޔެ ހުކުމް އިއްވާފައި --- ފޮޓޯ/ ރޮއިޓާސް

މިޔަންމާގެ ރޮހިންގާ ދަރިކޮޅުގެ 10 މީހަކު މަރާލި މައްސަލާގައި އެގައުމުގެ ސިފައިންގެ ހަތް މީހަކު 10 އަހަރަށް ޖަލަށް ލުމަށާއި ބުރަ މަސައްކަތް ކުރުމަށް އެގައުމުގެ އަސްކަރިއްޔާއިން ހުކުމް ކޮށްފި އެވެ.

އެ މައްސަލައަކީ މިޔަންމާ ރޮހިންގާ ދަރިކޮޅުގެ މައިނޯރިޓީ މުސްލިމުން ދިރިއުޅެމުންދިޔަ ރަހީން ސްޓޭޓްގައި މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އަމަލުތަކުގެ ތެރެއިން ބޭރު މީޑިއާގެ އެންމެ ބޮޑު ސަމާލުކަން ލިބުނު އެއް ހާދިސާއެވެ.

އެ ހާދިސާގައި އަސްކަރިއްޔާގެ ހަތް އޮފިސަރަކަށް ހުކުމް އިއްވިއިރު، ޓެރަރިސްޓުންގެ ތުހުމަތުގައި ހައްޔަރުކޮށް އަނިޔާވެރި ގޮތަކަށް މަރާލި ރޮހިންގާގެ އެ 10 މީހުން މަރާލި ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެއްބަސްވެފައެވެ.

މިޔަންމާ އާމީ ޗީފްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި އިއްޔެ ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލާގައި ޖަލު ހުކުމް އިއްވި ސިފައިންގެ ހަތް އޮފިސަރުން، ދާއިމީ ގޮތެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި އަސްކަރިއްޔާއިން އެކުލަވާލި ތަހުގީގީ ޓީމުން އަސްކަރިއްޔާގެ 21 އޮފިސަރުންނާއި ތިން ފުލުސް އޮފިސަރުންނާއި ސެކިއުރިޓީ ފޯސަސްގެ 13 އޮފިސަރެއްގެ އިތުރުން ހަ ސިވިލް ސާވަންޓުންނާއި ޑިން ވިލޭޖުގެ ހަ މީހަކާ ސުވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން މިފަހުން ހިންގި އަނިޔާވެރި އަމަލުތައް ފެށިގެން ދިޔައީ، އެގައުމުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ގުރޫޕަކުން އަސްކަރިއްޔާގެ އައުޓްޕޯސްޓަކަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު ދިން ހަމަލާއަކާ ގުޅިގެންނެވެ.

ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި އެ އަމަލުތަކަކީ ޓެރަރިސްޓުން ނައްތާލަން ހިންގި އޮޕަރޭޝަނެއް ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނި ނަމަވެސް، ތުރުކީ އާއި އެމެރިކާގެ އިތުރުން އދ. އިން ވެސް އެކަން ސިފަކޮށްފައިވަނީ ރޮހިންގާ މުސްލިމުން އެގައުމުން ބޭރުކޮށްލަން ހިންގި ކަމެއްގެ ގޮތުގައެވެ.

މިޔަންމާ އަސްކަރިއްޔާއިން ހިންގި އެ އޮޕަރޭޝަނަށްފަހު ރޮހިންގާގެ ހަތް ލައްކައަށްވުރެ ގިނަ މީހުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް އަވަށްޓެރި ބަނގުލަދޭޝަށް ހިޖުރަކޮށްފައެވެ.

ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނާގޮތުންނަމަ، މިދިޔަ އޯގަސްޓްމަހުގެ 25 އިން ސެޕްޓެމްބަރު 24 އަށް މިޔަންމާ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކުގައި ގާތްގަނޑަކަށް 9000 އެއްހާ ރޮހިންގާ މީހުން ވަނީ މަރުވެފައެވެ.

އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 730 ކުދިން ވެސް ހިމެނޭ ކަމަށް ގްލޯބަލް ހިއުމަޓޭރިއަން އޯގަނައިޒޭޝަންގެ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް