ޓެކްސް؟ ކުރިން ސިސްޓަމް އޯވާހޯލް ކުރާށެވެ.

ތިން ބާރު ވަކިކޮށް މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރި އިރު، އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ގަވަރުނަރު އަބްދުﷲ ޖިހާދު ވިދާޅުވި ވާހަކައެއް އަޅުގަނޑު ހަނދާން ހުރެ އެވެ. އެ މަނިކުފާން ވިދާޅުވި އެވެ: ގާނޫނު އަސާސީ ބައްޓަން ކުރަނީ ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަމާ ފައިހަމަކުރެވޭ ގޮތަކަށް ނޫނެވެ. މާނައަކީ އާ ގާނޫނު އަސާސީ ދަށުން އުފެއްދި މިނިވަން ކޮމިޝަންތަކާއި އެ ނޫން ވެސް މުއައްސަސާތަކަށް މީހުން ކަނޑައަޅާފައި ވަނީ ބަޖެޓަށް ތަންދޭ ވަރަކަށް ނޫނެވެ.

ނަމަވެސް އޭރު އެ ވާހަކައަށް އެއްވެސް މީހަކު ސަމާލުކަމެއް ނުދިނެވެ. އޭރުގެ އިދިކޮޅު އެމްޑީޕީން ފައިވިއްދާފައި ތިބީ "ނަމުގައި" ޑިމޮކްރަސީ ގެންނާށެވެ. އޭގެ އެކޮޅު މިކޮޅު ބަލާކަށް ބޭނުމެއް ނުވި އެވެ. އެކަމާ ދެކޮޅަށް އެއްޗެއް ބުނާ މީހަކީ "ޑިމޮކްރަސީއާ ބީރައްޓެހި، އިސްލާހަށް ތާއިދު ނުކުރާ މީހަކަށް" ވާތީ ޑީއާރުޕީ ވެސް އޮތީ، އަޑުއުފުލަން ނުކެރި ހިމޭނުންނެވެ. އެންމެން ވެސް ތިބީ "ޑިމޮކްރަސީ"ގެ ޔޫފޯރިއާގައި ޖެހިފަ އެވެ. އިދިކޮޅު ފަރާތްތަކުން "ވެރިކަމުގެ ދަހިވެތި ކަމުގައި" ފާޅުގައި ދިޔައީ އޭގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ؛ ފަހުން ވާނެ ގޮތަކަށް ނުބަލަ އެވެ.

އާ ގާނޫނު އަސާސީ އުފަންވި އިރު، ޑިމޮކްރަސީ ފައްކާ ކުރުމަށް އެތައް މުއައްސަސާތަކެއް އުފަން ކުރުވި އެވެ. އެއީ މައްސަލައެއް ނޫނެވެ. ޑިމޮކްރެޓިކް ވެރިކަމެއް ފުރިހަމައަށް ހިންގުމަށް އެ މުއައްސަސާތައް، "ދަތް ހުރި" ތަންތަނުގެ ގޮތުގައި ބޭނުންވެ އެވެ. އެކަމަކު އުފެދޭ ސުވާލަކީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަދި އިލެކްޝަންސް ކޮމިޝަން ނޫނީ އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ހަތެއް ނޫނީ ފަސް މެންބަރުން މައްޗަށް، ކޮންމެ މެންބަރަކަށް ސާޅީސް، ނޫސް ބައިލައްކަ ރުފިޔާގެ މުސާރަ ދީފައި ބައިތިއްބަން ޖެހޭތޯ އެވެ؟ ދުއިސައްތަ ރަށް ހިންގުމަށް 1000 އަށް ވުރެ ގިނަ ކައުންސިލަރުން، މީހަކަށް 10،000ރ. އިން ފެށިގެން 26،000ރ،. މުސާރަތަކުގައި ބައިތިއްބަން ޖެހޭތޯ އެވެ. ކުދި ކުދި ރަށްރަށް ހިންގުމަށް، ކޮންމެ ރަށަކަށް ފަހެއް ނޫނީ ހަތް މެންބަރުންގެ ކައުންސިލެއް ނެތި އެތަންތަން ނުހިންގޭނެ ތޯ އެވެ؟ އަދި އެ އެންމެންނަކީ ފުލްޓައިމް މީހުންނަށް ވާންޖެހޭތޯ އެވެ؟ ރާއްޖެ ފަދަ ކުޑަ ގައުމަކަށް 77 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެއް، ކޮންމެ މެންބަރަކަށް 62،500ރ.ގެ މުސާރަ އާއި އަދި 20،000ރ. ގެ އެލަވަންސާ އެކު، ބޭނުންވޭތޯ އެވެ؟ އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު މުސާރައެއް ދެއްވާފައި ބޭނުންފުޅު ވަރަކަށް ސިޔާސީ މަގާމުތައް އުފެއްދެން ޖެހޭތޯ އެވެ؟ މިކަމުގައި "ރޭޝަނަލް" މިންގަނޑެއް އޮންނާކަށް ނުޖެހޭތޯ އެވެ.

ހައްތާ ވެސް ސުވާލު ދެއްތޯ އެވެ. އެ ސުވާލުތައް އެއްފަރާތް ކުރާށެވެ. އެންމެ ހެއްވާ އަދި ހައިރާން ކުރުވާ ކަމަކީ ގިނަ މިނިވަން މުއައްސަސާތަކީ "ދަތް ނެތް" ތަންތަނަށް ވާތީ އެވެ. މަޖިލީހަށް ހާޒިރުވި މެންބަރުންގެ ސާދާ އަޣުލަބިއްޔަތުން، އެ ބޭފުޅުން މަގާމުން "އުފުރާލައިފާނެތީ" އެ ބޭފުޅުން އެ ތިއްބަވަނީ އަތަކަށް ގުޑިލާން ނުކެރިފަ އެވެ. ރައްޔިތުންގެ ފައިސާ އިން ބަރާބަރަށް މުސާރަ ލިބެނިކޮށް ވަރިހަމަ އެވެ. އެންޓި ކޮރަޕްޝަނުން ވަކި ގޮތަކަށް ކަމެއް ކުރަން އަންގައި އެކަން ނުކުރިއަސް ކުރެވޭނެ ކަމެއް ނެތެވެ. ސަރުކާރާ ގުޅުމެއް އޮންނަ ބޭފުޅުކާ ދެކޮޅަށް ކުރެވޭނެ ކަމެއް އޮތްކަމަކަށް ނުވެ އެވެ. ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އޮތިއްޔާ އޮތް ގިރިފަޅެއް ބާޓާ އުސޫލުން ވިއްކައި ހުސްކޮށްފި އެވެ. ވައުދެއް ފުއްދުމަށް ކަމެއް ކޮށްދޭ ފަރާތަކަށް ރާއްޖޭގެ އެއްބައި ވެސް ހިބައިން ދޭންވީ އެވެ. އަޅުގަނޑުމެން މިތިބެން ޖެހެނީ ތައްބެދިފަ އެވެ. މި ރާއްޖޭގެ މުސްތަގުބަލުގެ އިންޓަރެސްޓް ބަލަހައްޓައިގެން ތިއްބައި ބަޔަކު "ވަގުފުކޮށްފި" އެވެ. މިއަށް ވެސް ކިޔަންވީ ޑިމޮކްރަސީތޯ އެވެ؟

ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރުމަށް ފަހު ގާނޫނު އަސާސީ ބައްޓަން ކުރެއްވި ބޭފުޅުން މިކަމަށް ޒިންމާވާކަށް ނުޖެހޭތޯ އެވެ؟

ތެދެކެވެ. ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ޓެކްސް ނަގަ އެވެ. ރާއްޖެގައި ވެސް ޓެކްސް ނެގުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ޓެކްސް ނަގައިގެން ކުރަނީ ކޮންކަމެއްތޯ އެވެ؟ އަދި މުޖުތަމުއުގެ ހުރިހާ ބްރެކެޓަކުން އެއްފަހަރާ ޓެކްސް ނަގާ އިރު މެދުފަންތީގެ ވިޔަފާރިތަކަށް އަދި ކުދި ކުދި ވިޔަފާރިތަކަށް އަންނީ ކޮން ކޮންކަހަލަގެ ލޮޅުމެއްތޯ ދިރާސާ ކުރެއްވީ ކޮން ބޭފުޅެއްތޯ އެވެ. ހަމަ ޔަގީނުން ވެސް ސަރުކާރުން ވެސް އަދި އިދިކޮޅު ފަރާތްތަކުން ވެސް މިކަމުގެ ނަތީޖާ ނުކުމެދާނެ ގޮތުގެ ތަސައްވަރެއް ހަމަ ޔަގީނުން ވެސް އާންމުންނަކަށް ތިލައެއް ނުކޮށްދެ އެވެ. ހައްތާ ވެސް ދައްކަނީ، ކުރިން ޑިމޮކްރަސީ ގެނައުމަށް ވާހަކަ ދެއްކި ގޮތަށް ޓެކުހަކީ ދުނިޔޭގެ ތަހުޒީބު ވެފައިވާ ގައުމުތަކުން ނަގާ އެއްޗެއްގެ ވާހަކަ އެވެ. ތަހުޒީބުވެފައިވާ ގައުމުތަކުން ޓެކްސް ރެޖީމަށް ބަދަލު ގެންނަން ވާހަކަ ދައްކާ އިރު، އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ގެންނަ ޕެކެޖުތަކުގެ ވާހަކަ މި ބޭފުޅުން ދައްކާތީ އަޑެއް ނުއިވެ އެވެ.

ޓެކްސް ނަގައިގެން ކުރާ ކަމަކީ ކައުންސިލަރުންނާއި ނަމުން މިނިވަން "ދަތްނެތް" މުއައްސަސާތަކުގެ ބޭފުޅުންނަށް މުސާރަ ދިނުން ކަމަށްވާ ނަމަ އަޅުގަނޑު "މި ޓެކްސް" ޕޮލިސީ އަށް ސަލާމެވެ. ޓެކްސް ނެގުމުގެ ކުރިން ސިސްޓަމް އޯވާހޯލް ކުރާށެވެ. އަނެކުން 24 ގަޑިއިރު ގުދާރު ބިންދައިގެން ހޯދާ ފައިސާ އިން، އެ ބޭފުޅުންގެ "އެ މުހުތާދުތައް" ފުއްދުމަށް އެ ވަރުގެ ބޮޑެތި އަދަދުތަކުން ޓެކްސް ނެގުން އިންސާފެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް