ސެނެޓަށް ހާޒިރުކޮށް ޒަކަބަގާ ސުވާލުކޮށްފި

ފޭސްބުކްގެ ސީއީއޯ އަދި ކޯ ފައުންޑަރު މާކް ޒަކަބާގް ސެނެޓުގައި---

ފޭސްބުކްގެ ކޯ ފައުންޑަރު އަދި ސީއީއޯ މާކް ޒަކަބާގް އެމެރިކާގެ ސެނެޓަށް ހާޒިރުކޮށް ކޭމްބްރިޖް އެނެލެޓިކާ ޑާޓާ ސްކޭންޑަލް އާ ގުޅޭގޮތުން ސުވާލުކޮށްފިއެވެ.

ޒަކަބާގް ސެނެޓަށް ހާޒރުކޮށްފައިވަނީ އިއްޔެ އެވެ. އޭނާ އާއި ސުވާލު ކުރުމަށް ފަސް ގަޑިއިރުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 87 މިލިއަނަށް ވުރެ ގިނަ ފޭސްބުކް ޔޫޒަރުންގެ މައުލޫމާތު ނަހަމަަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކޮށް އޭނާ އާ ވަނީ ސުވާލުކޮށްފައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން އެކަކު އަނެކަކާ ގުޅުވާލުމަށް ފޭސްބުކް އިން ކުރާ މަސައްކަތާއި ޑިމޮކްރަސީ ކުރިއެރުވުމަށް ކުރާ މަސައްކަތާ ގުޅޭގޮތުންވެސް ވަނީ ސުވާލުކޮށްފައެވެ.

މީގެ އިތުރުން ފޭސްބުކް އާ ވާދަވެރި އެހެން ކުންފުންޏެއް މާކެޓުގައި ހަރަކާތްތެރިވޭތޯ އާއި އިޝްތިހާރު ނުފެންނަ ވާޝަން އެއް ފައިސާ ދައްކައިގެން ވިޔަސް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދޭތޯ އޭނާ އާ ވަނީ ސުވާލުކޮށްފައެވެ.

އިއްޔެގެ ސެޝަންގައި ޒަކަބާގް ވަނީ ފޭސްބުކްގެ ޕްރައިވެސީ އަށް ގެންނަމުންދާ ބަދަލުތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އިއްޔެ އަޑުއެހުމުން ފާހަގަވި އެއްކަމަކީ ފޭސްބުކް މަސައްކަތް ކުރާގޮތް ބައެއް ސެނެޓަރުންނަށް ނޭނގޭކަމެވެ.

އެގޮތުން ޔޫޒަރުންނަށް އެމީހުންގެ އެކައުންޓުތައް ކޮންޓްރޯލު ކުރުމަށް ދީފައި އޮންނަ ބާރާއި، ފޭސްބުކްގައި އިޝްތިހާރު ކުރާ ގޮތް ނޭނގޭ ސެނެޓަރުން ތިބިކަން ބޭރުގެ ނޫސްތަކުގައި ވަނީ ފާހަގަކޮށްފައެވެ.

އިއްޔެގެ އަޑުއެހުމަށް ޒަކަބާގް ގޮސްފައިވަނީ ވަރަށް ތަައްޔާރުވެގެންނެވެ. ސެނެޓަރުން ކޮށްފާނެ ކޮންމެ ސުވާލަކަށްވެސް ޖަވާބުދިނުމަށް ބޮޑު ބަންޑެއްޔެއްގެ މައުލޫމާތު އޭނާ ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި އޭނާ އިސްތިއުފާ ދިނުމަށް ސެނެޓަރަކު އެދިއްޖެނަމަ ނޫނީ އެފަދަ ވިސްނުމެއް ގެންގުޅެންތޯ ސުވާލުކޮށްފިނަމަ ނޫނެކޭ ބުނުމަށްފަހު ދެން ދޭނެ ޖަވާބުވެސް އޭނާ ވަނީ ތައްޔާރުކޮށްފައެވެ.

އިއްޔެ ސެނެޓުގެ މެންބަރުންގެ ސުވާލުތަކަށް ޒަކަބާގް ޖަވާބު ދީފައިވާއިރު މިއަދު އޭނާ ހާޒިރުކުރާނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އެނާޖީ އެންޑް ކޮމާސް ކޮމެޓީ އަށެވެ.

comment ކޮމެންޓް