އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ހުރަސް ނޭޅުމަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ކޯލިޝަނުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން: އަނާރާ، އިބޫ، ރައީސް މައުމޫން، ގާސިމް (ކ-ވ) -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ގާނޫނުއަސާސީއާ ގާނޫނުން ލިބިދީފައިވާ ހައްގުތައް ބޭނުން ކުރުމުގައި އިލެކްޝަން ކޮމިޝަނުން ޕަޓީތަކަށް ހުރަސް ނޭޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނަށް ފާޑުކިޔައި އިދިކޮޅު ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީތައް ހިންގަމުންދަނީ، ޕާޓީތައް ހިންގުމާބެހޭ އެންމެހައި ކަންކަން ބަޔާންކޮށްފައިވާ "ސިޔާސީ ޕާޓީއާ ބެހޭ ގާނޫނު" ގައިވާގޮތުގެ މަތީން ކަމަށެވެ.

އަދި ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރާނީ އެ ގާނޫނުންކަން ވަރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް، ޕާޓީތައް ރެގިއުލޭޓްކޮށް މޮނިޓާ ކުރުމަށް މަޝްވަރާ ކުރުމަށް ބޭނުންވާކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ބުނެފައިވަނީ، އެގޮތަށް ސިޓީތަކުގައި ލިޔެ ޕާޓީތަކަށް ފޮނުވުމަށްފަހު، މީޑިއާތަކުގައި އެ ބައްދަލުވުންތަކަކީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ކޮމިޝަނުގެ ބޭފުޅުން މީޑިއާތަކުގައި ވިދާޅުވަމުންދާ ކަމަށާއި އެއީ އެ ކޮމިޝަނުން ދައުވަތު ދެއްވާފައިވާ ބައްދަލުވުންތަކުގެ ހަގީގީ މަގްސަދު ސާފު ނުވާ ކަމެއްކަމަށެވެ.

"އިލެކްޝަން ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރީންކަމަށް ދައްކުވައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކޮމިޝާނުން ގާނޫނާ ހިލާފު އެތައް ކަމެއް ކުރަމުން އަންނަކަން މިފުރުސަތުގައި ފާހަގަކުރަމެވެ،" ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ، ޕާޓީތަކުގެ މެމްބަރުންނާގުޅޭ ހަމައެކަނި އެޕާޓީއެއްގެ ބޭނުމަށް އެއްކޮށްފައި ހުންނަ މުހިއްމު މައުލޫމާތު ހޯދުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީތަކުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ މައުލޫމާތު ކަމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ޕާޓީތަކުން ހުށަހަޅާފައިވަނިކޮށް ކަމަށް ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބެޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓް ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ މުއްދަތު ނިމިފައިވާއިރު އަދިވެސް ޕާޓީތަކަށް އެ ފައިސާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

"ގާނޫނާ އެއްގޮތަށް އިލެކްޝަން ކޮމިޝަނުން އަމަލުކުރުމަށާއި އަދި އެ ގާނޫނުން އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ބޭރުން ސިޔާސީ ޕާޓީތަކުން ނާޖާއިޒު ފައިދާ ނަގަން އިލެކްޝަން ކޮމިޝަނުން ކުރާ މަސައްކަތް ހުއްޓާލައި، ޕާޓީތަކަށް ގާނޫނު އަސާސީއާ ގާނޫނޫން ލިބިދީފައިވާ ހައްގުތައް ބޭނުން ކުރުމުގައި އިލެކްޝަން ކޮމިޝަނުން ޕާޓީތަކަށް ހުރަސް ނޭޅުމަށް ހަރު އަޑުން ގޮވާލަމެވެ،" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް