ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދީފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: ތިން ބޭފުޅުންނަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ވަނީ ދީފައި ---

އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިއަދު އޮތީ އިބްތިދާއީ އަޑުއެހުމެވެ. އެހެންކަމުން ތިން މައްސަލާގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ނުވަތަ އެކަނި ތޯ ގާޒީ އާދަމް އާރިފް ސުވާލުކުރެއްވުމުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވިދާޅުވީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުހުލަތެއް ދިނުމަށް އެދޭ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ވަކީލަކު ހަމަޖެއްސުމަށް އެކަށީގެންވާ މުއްދަތެއް ދެއްވުމަށެވެ. އެގޮތުން ރައީސް މައުމޫން އެދިލެއްވީ 15 ދުވަހުގެ މުހުލަތެއް ދެއްވުމަށެވެ. ނަމަވެސް ގާޒީ އާދަމް އާރިފް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކީލަކު ހަމަޖެއްސުމަށް އެންމެ ގިނަވެގެން ދެވޭނީ 10 ދުވަސް ކަމަށާއި އެ މުއްދަތުގެ ތެރޭގައި ވަކީލަކު ހަމަނުޖެހިއްޖެ ނަމަ އޮންނަ އުސޫލެއްގެ މަތިން ސަބަބު ބަޔާންކޮށް ކޯޓަށް އެންގުމަށެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހުގައެވެ.

އަދުލުއިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ. އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ތިން ބޭފުޅުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް