ތައިލެންޑް އެއާ ފޯސް އަތުން ބަލިވި މެޗުގައި ރާއްޖޭގެ ވޮލީ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް

ގައުމީ ވޮލީ ޓީމު ތައިލެންޑަށް ފުރުމުގެ ކުރިން --- ފޮޓޯ/ ވީއޭއެމް

ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމު ތައިލެންޑުގައި ކޭމްޕް ކުރަމުންދާ އިރު، މިއަދު ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ތައިލެންޑްގެ އެންމެ މޮޅު އެއް ކްލަބު ކަމަށްވާ އެއާ ފޯސް ވޮލީ ކްލަބު އަތުން ބަލިވެއްޖެއެވެ.

ތައިލެންޑަކީ ވޮލީގައި ރާއްޖެއަށްވުރެ ރޭންކިންގައި ތަފާތު މޮޅު ގައުމެކެވެ. މިދިޔަ އަހަރުގެ އެފްއައިވީބީ ރޭންކިންގައި ތައިލެންޑް 41 ވަނައިގައި އޮތް އިރު، ރާއްޖެ އޮތީ 78 ވަނައިގައެވެ.

ތައިލެންޑްގެ އެއާ ފޯސް ވީސީއަކީ ތައިލެންޑް ލީގުގެ އެއްވަނަ އަދި ތައިލެންޑް ސުޕަލީގުގެ ދެވަނަ ޓީމެވެ.

ރާއްޖޭގެ ގައުމީ ޓީމު އެއާ ފޯސް ކްލަބު އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެއާ ފޯސް ޓީމުން ގެންގޮސްފައިވަނީ 25-16، 25-14 އަދި 25-18 އިންނެވެ.

މެޗުގެ ތިން ސެޓުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

މިފަހަރު ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ޓީމުގެ ފަރިތަކުރުންތަކުގައި ޑިސިޕްލިން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ހާއްސަކޮށް ފަރިތަކުރުންތަކުގައި ޓީމުގެ ހާޒިރީ ރަނގަޅުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެވަރޭޖް އެޓެންޑެންސަކީ 98 ޕަސެންޓެވެ.

އޭވީސީ މުބާރާތަށް ގައުމީ ޓީމު ފަރިތަކުރަމުންދަނީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް އަލީ ހުޒާމް (ހުޒާންޓޭ) ހަމަޖައްސައިފައިވާ އިރު، ކުރިން ގައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެއެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އައި އިޝާން މުހައްމަދު (ބަޓިސް) ޓީމުން ރިޓަޔާ ކޮށްފައިވާ އިރު، މިފަަހަރުގެ ސްކޮޑުގައި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި މުހައްމަދު ޝާއިން (ޝާއިންޓޭ) އަދި އަޝްފާގު އާދަމް (އައްކަޅޭ) ވެސް ހިމެނިފައެއް ނުވެއެވެ.

ގައުމީ ވޮލީ ޓީމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއް ކުޅުންތެރިޔާ، ކުޑަ ކާއްޓޭ މިފަހަރުގެ ޓީމުގައި ހިމެނިފައި ނުވަނީ އާއިލާ ކަންކަމަށް ވަގުތު ދިނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށް ވީއެމްއިން ވަނީ ކުރިން ބުނެފައެވެ.

ވީއޭއެމްއިން ބުނެފައިވަނީ ތައިލެންޑުގައި ކުރިއަށްދާ ފަރިތަކުރުންތަކަށްފަހު، ރާއްޖޭގެ ޓީމު ބަންގާޅަށް ފުރާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ތައިލެންޑުގައި އެކުވެރިކަމުގެ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވީއޭއެމްއިން ބުނެފައެވެ.

comment ކޮމެންޓް