ރާއްޖޭގެ ތަރިކަތައް ރައްކާތެރިކުރުމަށް އޮކްސްފޯޑް ޔުނިވާސިޓީއާ އެކު ސޮއިކޮށްފި

ރާއްޖޭގެ ތަރިކަތައް ރައްކާތެރިކުރުމަށް އޮކްސްފޯޑް ޔުނިވާސިޓީއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ތާރީހާ ގުޅޭ ތަރިކަތައް ރައްކާތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ހެރިޓޭޖް ޑިޕާޓްމަންޓާއި އޮކްސްފޯޑް ޔުނިވާސިޓީގެ ސެންޓާ ފޯ އިސްލާމިކް ސްޓަޑީޒްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ދާރުލް އާސާރުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި އޮކްސްފޯޑުގެ ފަރާތުން ސޮއި ކުރެއްވީ ޑރ. މައިކަލް ފީނާ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވިސް ހެރިޓޭޖް ސާވޭ"ގެ ނަމުގައި ސާވޭއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބުނީ އެ ސާވޭގެ ދަށުން އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި ގުދުރަތީ ގޮތުން ގެއްލުން ލިބިދާނެ ކަމަށް ބެލެވޭ ތަރިކަތަކާ ގުޅޭ މައުލޫމާތު ތަރުތީބުކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ރައްކާކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ ތަރިކަތަށް ރައްކާތެރިކުރުމަށް އޮކްސްފޯޑް ޔުނިވާސިޓީއާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސާވޭގެ ދަށުން މިސްކިތްތަކާއި މަހާނަ ގައުތަކާއި ހަތްތެލިތައް ފަދަ ތަންތަން ޑިޖިޓަލީ ފޮޓޯނެގުމާއި ތްރީޑީ ޓެރިސްޓެރިއަލް ސްކޭން ކުރުމާއި ޖިއޯގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރުމުގެ އިތުރުން އާންމުކޮށް ހުޅުވައިލާ އޮންލައިން ޑޭޓާ ބޭސްއަކުން އެ މައުލޫމާތު ލިބެންހުންނާނެ ގޮތް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާވޭގައި ސިންގަޕޫރުގެ އާތު އޮބްޒާވެޓަރީ އިން ވެސް މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިވެހީންނަކީ ޒަމާންވީ ދިގު ތާރީހަކާއި ކުރިއަރާފައިވާ ހަޟާރަތެއް އޮތް ބައެއް ކަމަށެވެ. އަދި ވިދާޅުވީ ދިވެހީންގެ ކުޅަދާނަ މަސައްކަތްތެރިކަމާއި ރާއްޖޭގެ ދޮށިކަމުގެ ވާހަކަތައް ގިނަ ތާރީހީ އިލްމްވެރިންތަކެއް ލިޔުއްވާފައި ވެސް ވާ ކަމަށެވެ.

"އެ ވާހަކަތަކުގެ ހަގީގަތް ސާބިތުކޮށްދޭނެ ކަންކަމާއި ތަންތަނަކީ އަޅުގަނޑުމެންގެ ކާބަފައިން ދޫކުރައްވާފައިވާ ތަރިކަތައް. އެހެންކަމުން، ރާއްޖޭގައި ހުރި އާސާރީ ތަންތަން އެންމެ ރަނގަޅަށް ހޯދައި ބެލިއްޖެ ނަމަ، ރާއްޖެއާ ބެހޭ ގޮތުން ދުނިޔޭގެ ތާރީޚުގެ މުޅިން އައު ޞަފްޙާއެއް ހުޅުވިގެން ދާނެ." ޑރ. އައިޝަތު ވިދާޅުވި އެވެ.

comment ކޮމެންޓް