ޗައިނާގެ އަސްކަރީ މަރުކަޒެއް ވަނުއަޓޫގައި އަަޅަން އުޅޭ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފި

މިދިޔަ އަހަރު ޗައިނާއިން ވަނީ ޖިބޫޓީގައި އެގައުމުގެ އަސްކަރީ މަރުކަޒެއް ހުޅުވާފައި -- ފޮޓޯ: ގެޓީ

ޕޯޓްވިލާ (އޭޕްރިލް 10): ޗައިނާގެ އަސްކަރީ މަރުކަޒެއް ވަނުއަޓޫގައި އެޅުމާ ބެހޭ ގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާ ކުރި ކަމަށް ބުނާ ރިޕޯޓުތައް ވަނުއަޓޫ އިން ދޮގުކޮށްފި އެވެ.

އޮސްޓްރޭލިއާގެ ފެއާފެކްސް މީޑިއާ އިން ބުނި ގޮތުގައި ވަނުއަޓޫގައި އަސްކަރީ މަރުކަޒެއް އެޅުމަށް ޗައިނާ އިން ރަސްމީ ގޮތެއްގައި ހުށަހަޅާފައި ނުވި ނަމަވެސް އެކަމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެމެރިކާ އާއި އޮސްޓްރޭލިއާ އިން ވަނީ މަޝްވަރާކޮށްފަ އެވެ.

"ޗައިނާގެ އަސްކަރީ މަރުކަޒެއް ވަނުއަޓޫގައި އެޅުމާ ބެހޭ ގޮތުން ވަނުއަޓޫގެ ސަރުކާރުގެ އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައި ނުވާނެ،" ފޮރިން މިނިސްޓަރު ރަލްފް ރެގެންވަނޫ ވިދާޅުވި އެވެ.

އެރިޕޯޓުގެ ސަބަބުން، ވަނުއަޓޫއާ 2،000 ކިލޯ މީޓަރު ދުރުގައި އޮންނަ އޮސްޓްރޭލިއާގައި ވަނީ ޗައިނާ އިން ސައުތު ޕެސިފިކު ކަނޑަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ކަންބޮޑުވުން އުފެދިފަ އެވެ.

ޗައިނާ އިން އެރިޕޯޓާ ބެހޭ ގޮތުން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ. މިދިޔަ އަހަރު އެ ގައުމުން ވަނީ ޖިބޫޓީގައި އަސްކަރީ މަރުކަޒެއް ހުޅުވައިފަ އެވެ. އެއީ ޗައިނާގެ އަސްކަރީ މަރުކަޒެއް ބޭރު ގައުމެއްގައި އެޅި ފުރަތަމަ ފަހަރެވެ.

ފެއާފެކްސް މީޑިއާގައިވާ ގޮތުން ޗައިނާ އިން ވަނީ ވަނުއަޓޫގެ ތަރައްގީއަށް އެތައް މިލިއަން ޑޮލަރެއް ދީފަ އެވެ. އަދި ވަނުއަޓޫގެ ސަރުކާރުގެ ތިން އިމާރާތެއް އާރާސްތު ކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް