އައްޑޫއާއި ފުވައްމުލަކުގެ ނޭޗަރ ޕާކުތަކުގައި ހަރަކާތްތެރިވާނެ ޓުއާ ގައިޑުން ތަމްރީނުކުރަނީ

ފުވައްމުލަކު ސިޓީގެ ބަންޑާރަ ކިޅި -- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ޓުއާ ގައިޑުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކެއް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެންވާރަމެންޓް މިނިސްޓްރީން މިއަދު ގެޒެޓުކުރި ދެ އިއުލާނެއްގައި ބުނެފައިވަނީ، މި ޕްރޮގްރާމުގެ ދަށުން ޓުއާ ގައިޑުން ތަމްރީނުކުރަނީ، އެންވާރަމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖު އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުން ހިމާޔަތް ކޮށްފައިވާ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި އައްޑޫ ސިޓީގެ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދުގައި ހަރަކާތްތެރިވުމަށް ކަމަށެވެ.

ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓަކީ ޔޫރަޕިއަން ޔޫނިއަނުން ފަންޑުކޮށް، ވޯލްޑް ބޭންކުން އެޑްމިނިސްޓަރުކޮށްގެން އައްޑޫއާއި ފުވައްމުލަކު ސިޓީގައި ހިންގާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫގެ ކޯއްޓޭ އަދި އީދިގަލި ކިޅި ސަރަހައްދު، އަދި ފުވައްމުލަކުގެ ބަންޑާރަ ކިޅިއާއި ދަޑިމަގި ކިޅި ސަރަހައްދު ނޭޗާ ޕާކަކަށް ބަދަލުކުރާ އިރު އެސަރަހައްދުތަކުގެ މާހައުލާއި އާސާރީ ތަންތަނުގެ މައުލޫމާތު ދިނުމަށް ޓުއާ ހިންގާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން އެޑްމިނިސްޓަރކޮށް މި މިނިސްޓްރީން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ.

މިނިސްޓްރީން ބުނީ މިފަދަ ޓްރެއިނިންގްތަކުގައި ބައިވެރިވެ، ޓްރެއިނިން ފުރިހަމަކުރާ ފަރާތްތަކަށް އައްޑޫ އަދި ފުވައްމުލަކު ނޭޗާ ޕާކަށް މުވައްޒަފުން ނަގާއިރު އިސްކަން ދޭނެކަމަށެވެ.

ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހަމަވާންޖެހޭ ޝަރުތުތަކަކީ، އެ ޕްރޮގްރާމެއް ހިންގާ ސިޓީގެ ރަށްވެއްސަކަށް ވުމުގެ އިތުރުން، އުމުރުން 18 އަހަރު ފުރިފައިވާ ވުމެވެ.

އައްޑޫގެ ޓުއާ ގައިޑުން ތަމްރީނުކުރުން އޮންނާނީ އޭޕްރިލް 24 އިން 26 އަށެވެ. މި ޕްރޮގްރާމަށް އެދި ހުށަހަޅަންޖެހެނީ 18 އޭޕްރިލްގެ މެންދުރު 14:00ގެ ކުރިންނެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އައްޑޫގައި ހުންނަ، އެންވާރަމަންޓް މިނިސްޓްރީގެ އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓަށެވެ.

ފުވައްމުލަކުގެ ޓުއާ ގައިޑުންގެ ތަމްރީނު އޮންނާނީ 30 އޭޕްރިލްއިން ފެށިގެން މެއި ދެވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 23 ގެ މެންދުރު 14:00 ގެ ކުރިއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ފުވައްމުލަކުގައި ހުންނަ، އެންވާރަމަންޓް މިނިސްޓްރީގެ ފުވައްމުލަކު ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓަށެވެ.

comment ކޮމެންޓް