ބައްދަލުވުމުގައި ބައިވެރިނުވާނެކަން އެއްވެސް ޕާޓީއަކުން ނާންގާ: އީސީ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ ބައްދަލުވުމުގައި ބައިވެރި ނުވާނެކަން އެއްވެސް ޕާޓީއަކުން އަންގާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް "ސަން"އަށް ވިދާޅުވީ ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް މިއަދުން ފެށިގެން ޕާޓީތަކާއެކު ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އަކްރަމް މިހެން ވިދާޅުވެފައިމިވަނީ އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލެކްޝަންސްއިން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރި ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެފައި ވަނިކޮށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ އިލެކްޝަންސްއިން މަސައްކަތް ކުރަނީ އިދިކޮޅުން އިންތިހާބަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ވެރިކަންކުރާ ޕީޕީއެމްއަށް ފޯރުކޮށްދޭން ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަކްރަމް ވިދާޅުވީ އިލެކްޝަންސްއިން ޕާޓީތަކާއެކު ބާއްވާ ބައްދަލުވުމަކީ ޕާޓީތަކުން އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ނޫން ކަމަށާއި އެ ބައްދަލުވުންތަކަކީ އިލެކްޝަންސްއިން އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕާޓީތަކަށް މައުލޫމާތު ހިއްސާ ކުރުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށެވެ.

އިލެކްޝަންސްއިން ޕާޓީތަކާއެކު ބާއްވާ ބައްދަލުވުންތައް ފަށަން ހަމަޖެހިފައިވަނީ މިއަދުއެވެ.

comment ކޮމެންޓް