ރިލްވާން ގަދަކަމުން އެރުވިކަމަށް ބެލެވޭ ކާރަކީ އާލިފްގެ ކާރެއް: ހެއްކެއް

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ---

މީގެ ހަތަރު އަހަރުކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން އެރުވިކަމަށް ބެލެވޭ ރަތް ކާރަކީ، އެ މައްސަލާގައި ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ހިލްޓަން އާލިފް ރައޫފްގެ ކާރެއް ކަމަށް އެ ކާރު ހުޅުމާލޭގައި ދުއްވި މުހައްމަދު ނޫރައްދީން ބުނެފައިވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން މީހަކު ބުނެފިއެވެ.

މިއަދު ވަނީ ދައުލަތުން ހުށަހެޅި ހަތަރު ހެއްކެއްގެ ހެކިބަސް ނަގައިފައެވެ. އަދި އޭގެ ތެރެއިން ދެ މީހަކީ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ފޮރުވިކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުރައްދީން އާއި އާލިފް ވެސް ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެ މީހުންނެވެ. އަނެއް ދެ މީހުންނަނީ ރަތް ކާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އުފުލި ދޯނީގެ ކައްޕީންނެވެ.

ދެ ކައްޕީންގެ އިތުރުން ދެން ހުށަހެޅި ދެ ހެކިވެރިންނަކީ ނޫރައްދީނާ އެކު ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް އަދި ގެސްޓް ވިޔަފާރީގައި ހަރަކާތްތެރިވި ދެ މީހުންނެވެ. އޭގެތެރެއިން އެކަކު ބުނެފައިވަނީ ރިލްވާން ގެއްލުނު ދުވަސްވަރު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ދުއްވި ކަމަށެވެ. އެ ކާރަކީ ކާކުގެ ކާރެއް ކަމަށް އެހުމުން ޖަވާބުގައި ހެކިވެރިޔާ ބުނީ، "އެއީ އާލިފްގެ ކާރެއް ކަމަށް" ށެވެ.

ހެކިބަސް ދިން މީހާގެ އިތުރުން ދެން އެ ރަތް ކާރު ހުޅުމާލޭގައި ދުއްވާފައިވަނީ ނޫރައްދީން ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ. އެ މީހުން އެ ކާރު ބޭނުންކޮށްފައިވަނީ ގެސްޓުން އުފުލުމަށް ކަމަށާއި އާންމު ގޮތެއްގައި ރޭގަނޑު ގަޑީގައި ނުދުއްވާ ކަމަށް ވެސް ހެކިބަސް ދިން މީހާ ބުންޏެވެ.

އެ ކާރު އާންމު ގޮތެއްގައި ޕާކްކޮށްފައި އޮންނަނީ ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުންނަ ފާން ބީޗް ބުޓިކް ގެސްޓް ހައުސް ކުރިމަތީގައި ކަމަށާއި ކާރުގެ ހުރިހާ ހަރަކާތްތަކާއި ކާރު ޕާކްކޮށްފައި އޮންނަ ގަޑިތައް އެ ގެސްޓް ހައުސްގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރާފައި ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށް ދެ ހެކިވެރިން ބުންޏެވެ. އަދި އެކަން ފުލުހުންގެ ތަހުގީގުގައި ހިއްސާކޮށްފައިވާނެ ކަމަށް ވެސް ދެ ހެކިވެރީން ބުންޏެވެ.

"ރިލްވާން ގެއްލުނު ރޭ ނޫރައްދީން އުޅުނީ އެކުވެރިންނާ އެކު"

ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިޔަ ރޭގެ ތިނެއް ޖެހުމާ ހަމައަށް ނޫރައްދީނާ އެކު ހުޅުމާލޭ ގެސްޓް ހައުސު ސަރަހައްދުގައި އުޅުނު ކަމަށް ވެސް ހެކިވެރިޔަކު ބުންޏެވެ. އަދި އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު ސައިކަލުގައި ނޫރައްދީން ދިރިއުޅޭ ގެއަށް އޭނާ ލި ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.

"އެ ދުވަސްވަރަކީ ގެސްޓުން ވަރަށް ގިނައިން އައި ދުވަސްވަރަކަށް ވުމުން ވަރަށް ބިޒީކޮށް ފިހާރައިގެ އެންމެން އެކީގައި އުޅުނީ. އެ ރޭ ވެސް ތިނެއް ޖަހަންދެން ފިހާރަ ކަންމަތީގައި ހުރުމަށްފަހު ސައިކަލްގައި ގޮސް ނޫރު ގެއަށްލާފައި ދިޔައީ. އަނެއް ދުވަހު ހެނދުނު ހަތެއް ޖެހިއިރު ނޫރު އައި ފިހާރައަށް،" ނޫރައްދީންއާ އެކު ވިޔަފާރިކުރާ މީހާ ހެކިބަސް ދެމުން ބުންޏެވެ.

comment ކޮމެންޓް